ބޯޑު މެންބަރުން

2016-06-03 03:46

އިބްރާހިމް އަޙްމަދު ނާސިރު

ބޯޑުގެ ޗެއަރޕަރސަން

މއ. އޮޑެއްސާ

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް އަލްފާޟިލް އިބްރާހީމް އަޙްމަދު ނާޞިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ ސެޕްޓެމްބަރު 2017 ގައެވެ. އަދި، 2012 ން 2014 އަށް ނާޞިރު ވަނީ ޕެންޝަން އޮފީހުގެ ބޯޑު މެމްބަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ. މިވަގުތު ނާޞިރު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ އެޗް.އެސް.ބީ.ސީ ގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރުގެ މަޤާމުގައެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި މޯލްޑިވްސް ސެކިޔުރިޓީޒް ޑިޕޮސިޓަރީ ކުންފުނި ވުޖޫދަށްގެނައުމަށް ކުރެވިފައިވާ މަސައްކަތުގައި އަމަލީ ގޮތުން ނާޞިރުވަނީ ޙަރަކާތްތެރިވެފައެވެ. އަދި މިދެކުންފުނީގެ ސީއީއޯގެ މަޤާމުގައި ގިނަގުނަ ޙިދުމަތްތަކެއް ކޮށްދެއްވައި ކުރިއެރުންތަކެއް ހޯއްދަވާދެއްވާފައިވެއެވެ. އަދި ލޯ އެންފޯސްމަންޓްގެ ދާއިރާއިން 24 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ވަނީ ހޯއްދަވާފައެވެ.

ޔުނިސެފް އަދި ޔޫ.އެން.ޑީ.ޕީ. ގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، އެޗް.އެސް.ބީ.ސީ. އާއި ގުޅިވަޑައިގެންނެވުމުގެ ކުރިން ނާޞިރު މަސައްކަތްކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކްރެޑިޓް ގެރެންޓީ ޔުނިޓްގެ އިސްފަރާތެއްގެ ގޮތުގައެވެ. އަދި މި ޔުނިޓް ޤާއިމްކޮށް މަސައްކަތަށް ފައްޓަވައި ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޢަމަލީގޮތުން ވަނީ ޙަރަކާތްރިވެފައެވެ.

ތަޢުލީމީ ރޮގުން، ނާޞިރު ވަނީ ސްވިޑްންގެ އުޕްސަލާ ޔުނިވަރސިޓީ އިން ޕޮލިޓިކަލް ހިސްޓްރީގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި މީގެ އިތުރުން، ހަމަ އެޔުނިވަރސިޓީއިން އިކޮނޮމިކަލް ހިސްޓްރީގެ ރޮނގުން ބެޗެލަރސް ޑިގްރީ ހާސިލްކުރައްވާފައި ވެއެވެ.


 

ޢަލީ ފާރިސް މުޙައްމަދު

ބޯޑު މެންބަރު

ސަލްޖަމްގެ، ސ. ހުޅުދޫ

 

ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ ނޮވެމްބަރ 2015 ގައެވެ. މިވަގުތު ފާރިސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ފްރީލާންސް އެކައުންޓަންޓެއް އަދި ޓެކްސް ކޮންސަލްޓަންޓެއްގެ ގޮތުގައެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުގެ، ބޯޑު ޑައިރެކްޓަރެއްގެ މަޤާމު އަދާ ކުރުމުގެ އިތުރުން ފާރިސް ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އޮޑިޓް މެނޭޖްމަންޓް ޔުނިޓްގައި އޮޑިޓް މެނޭޖަރެއްގެ ވަޒީފާ އަދާކުރައްވާފައެވެ. މީގެ އިތުރުން އޮޑިޓިން، ބުކް ކީޕިންގ، ޓެކްސް ކޮންސަލްޓަންސީ، ޓެކްސް ރިޓާރން ފައިލްކުރުމާއި އަމިއްލަ ފަރުދުންގެ އަދި ވިޔަފާރިތަކުގެ ހިސާބު ބެލެހެއްޓުމުގައި 07 އަހަރުގެ ތަޖުރިބާ ވަނީ ހޯއްދަވާފައެވެ. 

ފާރިސް ވަނީ 2013 ވަނަ އަހަރުން ފެށިގެން އެމެރިކަން އިންސްޓިޓިއުޓް އޮފް ސަރޓިފައިޑް ޕަބްލިކް އެކައުންޓަންޓްސް (ސީޕީއޭ) ގެ މެންބަރޝިޕް ހޯއްދަވާފައެވެ. އަދި ޔޫ.އެސް.އޭ.ގެ އިންޓުއިޓް ސަރޓިފައިޑް ކުއިކްބުކްސް ޔޫސަރ އަކަށް ވުމުގެ އިތުރުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ.)ގެ އިންވެސްޓްމަންޓް އެޑްވައިޒަރ ކަމާއި މީރާ ގެ ޓެކްސް އެޖެންޓް ކަމުގެ ލައިސަންސް ހޯއްދަވާފައިވެއެވެ. ތަޢުލީމީ ރޮގުން، ފާރިސް ވަނީ ޔޫ.އެސް.އޭ.ގެ ލުވިސް-ކްލާކް ސްޓޭޓް ކޮލެޖުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮގުން ބެޗްލަރސް ޑިގްރީ ހައްދަވާ، މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ހާސިލް ކުރައްވާފައެވެ.


ފާޠިމަތު މުޢާޛާ

ބޯޑު މެންބަރު

މއ. މާޅޭބޫގެ، ކ. މާލެ

ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ފާތިމަތު މުޢާޛާ،ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ އޮކްޓޯބަރ 2015 ގައެވެ. މުޢާޛާ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރެއްގެ މަޤާމުގައެވެ. އަދި 2005ވަނަ އަހަރުން ފެށިގެން 2013ވަނަ އަހަރުގެ ނިޔަލަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޕަބްލިކް އެންޓަރޕްރައިސަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑު (ޕެމެބް)ގެ އެކި މަޤާމުތައް ފުރުއްވައި، 7 އަހަރު ދުވަހުގެ ތަޖްރިބާ އާއިއެކު، ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ޕެމެބްގެ ސީ.އީ.އޯ.ގެ މަޤާމުގައެވެ. މި މުއްދަތުގައި އުފުއްލެވި މަސްޢޫލިއްޔަތުގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އެތަންތަނުގެ ޕަރފޯމަންސް މޮނިޓަރކޮށް އިވެލުއޭޓް ކުރުމާއި، ރީސްރަކްޗަރ ކުރުމާއި، އުވާލަންޖެހޭ ކުންފުނިތައް އުވާލުމުގެ މަސައްކަތް ހިމެނެއެވެ. އަދި، ސަރުކާރު ޙިއްސާވާ ކުންފުނިތައް މެދުވެރިކޮށް ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ކުރައްވާ އެކި އިންވެސްޓްމަންޓްތަކުގެ ނިންމުންތައް ވަޒަންކުރުން ހިމެނެއެވެ. 

މިނިސްޓްރީ އޮފް ފިނޭންސްގައި މަސައްކަތް ކުރެއްވި ދުވަސްވަރު މުޢާޛާ ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ ގެ ބޯޑު މެމްބަރުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން އުފެއްދެވި ޕްރައިވެޓައިޒޭޝަން ކޮމިޓީގެ މެމްބަރުކަމާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ލިމިޓެޑުގެ ބޯޑުގައި ސަރުކާރު ތަމްޞީލު ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައެވެ. ތަޢުލީމީ ރޮގުން، މުޢާޛާ ވަނީ ބިޒްނަސް ސްޓަޑީސް އިން ބެޗްލަރސް ޑިގްރީ ހާސިލް ކުރައްވާ، ޔޫ.ކޭ.ގެ ޔުނިވަރސިޓީ އޮފް ބާތުއިން އިންޓަރނޭޝަނަލް މެނޭޖްމަންޓްގެ ރޮނގުން މާސްޓަރސް ޑިގްރީ ޙާސިލް ކުރައްވާފައެވެ.


އިލްޔާސް ޙަނީފް

ބޯޑު މެމްބަރު 

ނާރެސް، ރ. ހުޅުދުއްފާރު

ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން އަލްފާޟިލް އިލްޔާސް ޙަނީފް، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ އޭޕްރިލް 2017 ގައެވެ. ފައިނޭންސް އަދި ޓެކްސްއާއި ގުޅުންހުރި މަސައްކަތްތައް ބަލަހައްޓަވާ އިސްފަރާތެއްގެ ގޮތުން، މިވަގުތު އިލްޔާސް ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕވޓ ލޓޑ ގައެވެ.  

ޕްރައިވެޓް ސެކްޓަރގެ އިތުރުން ޕަބްލިކް ސެކްޓަރގެ މުއައްސަސާތައް ކަމުގައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި  މިނިސްޓްރީ އޮފް ޓޫރިޒަމްގައި ވަޒީފާ އަދާކުރައްވައި، މަސައްކަތުގެ ތަޖުރިބާ ވަނީ ހޯއްދަވާފައެވެ. މިގޮތުން، ޕަބްލިކް ފައިނޭންސް، ކޯޕަރޭޓް ފައިނޭންސް، ޓެކްސޭޝަން، އެކައުންޓިންގ އަދި އޯގަނައިޒޭޝަނަލް މެނޭޖްމަންޓުގެ ދާއިރާތަކުން ތަޖުރިބާ ހޯއްދަވާފައިވެއެވެ.

2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ބޯޑު މެމްބަރެއްގެ ހައިސިއްޔަތުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އަދި މޯލްޑިވްސް އިންލަންޑް ރެވެނިއުގެ ލައިސަންސްޑް ޓެކްސް އެޖެންޓް އަކަށް ވުމގެ އިތުރުން، މިވަގުތު އިލްޔާސް އަކީ މޯލްޑިވްސް ރެޑްކްރެސެންޓްގެ ފައިނޭންސް ކަމިޝަންގެ މެންބަރެކެވެ. އިލްޔާސް ވަނީ ނިއުޒިލަންޑުގެ ޔުނިވަރސިޓީ އޮފް އޯކްލަންޑް އިން މާސްޓަރސް އޮފް ޓެކްސޭޝަން ސްޓަޑީޒް (އޮނަރޒް) ޙާޞިލްކޮށް، މެލޭޝިއާގެ އިންޓަރނެޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗެލަރ އޮފް އެކައުންޓިންގ (އޮނަރޒް) ޙާޞިލްކުރައްވާފައިވެއެވެ.

 


ޕަބްލިކް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރުން

މުޒުނީ މުޙައްމަދު

ބޯޑު މެންބަރު

މ. ވެސްޓް އެންޑް، ކ. މާލެ

ސެކިޔުރިޓީސް މާކެޓް ރެގިއުލޭޝަން ސެކްޓަރ ތަމްޞީލު ކުރައްވާ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން އަލްފާޟިލް މުޒުނީ މުޙައްމަދު، ޕެންޝަން އޮފީހުގެ ބޯޑާއި ގުޅިވަޑައިގެންނެވީ ފެބްރުއަރީ 2014 ގައެވެ. މުޒުނީ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. އަދި މިވަގުތު ހުންނެވީ ސީ.އެމް.ޑީ.އޭ. ގެ ޕެންޝަން ސުވަރވިޝަން ޑިޕާޓްމަންޓްގެ އިސްފަރާތެއްގެ ގޮތުގައެވެ. މީގެ އިތުރުން، މުޒުނީ އަކީ ސީނިއަރ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެކެވެ. އަދި، ސީ.އެމް.ޑީ.އޭ. ތަމްޞީލް ކުރައްވާ މެމްބަރެއްގެ ގޮތުން، އޮޑިޓަރ ޖެނެރަލް އޮފީހުގެ ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރުކަން އަދާކުރައްވާފައިވެއެވެ. ބިޒްނަސް މެނޭޖްމަންޓް އިން މުޒުނީ ވަނީ ބެޗްލަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އަދި މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން ފައިނޭންސް އެންޑް ބޭންކިންގްގެ ރޮނގުން މާސްޓަރ ޑިގްރީ ހާސިލް ކުރައްވާފައިވެއެވެ.


 އަބްދުﷲ ޢަލީ

ބޯޑު މެމްބަރު 

ރޯނުގެ، ހދ. ހަނިމާދޫ

 

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ތަމްޞީލު ކުރައްވާ ސިވިލް ސަރވިސްގެ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން އަލްފާޟިލް ޢަބްދުﷲ ޢަލީ ޕެންޝަން އޮފީހުގެ ބޯޑާއި ގުޅިވަޑައިގެންނެވީ ފެބްރުއަރީ 2017 ގައެވެ. އިކޮނޮމިކް ޕޮލިސީ ޕްލޭނިންގ ސެކްޝަންގެ ކޮންސަލްޓަންޓެއްގެ ގޮތުގައި 2012 ވަނަ އަހަރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި ގުޅިވަޑައިގަތުމަށްފަހު ޢަބްދުﷲ ޢަލީ ވަނީ މިނިސްޓްރީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި މިވަގުތު ފުރުއްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މަނޭޖްމަންޓް ޑިވިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމެވެ. މީގެ އިތުރުން، ސަރުކާރާއި ގުޅިވަޑައިގެންނެވުމުގެ ކުރިން، ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރައްވާ ތަޖުރިބާ ހޯއްދަވާފައިވެއެވެ. އަންޑަރގްރެޖުއޭޓް ޑިގްރީ އިން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދަރަޖަ ހާސިލްކުރެއްވުމުގެ އިތުރުން، ޢަބްދުﷲ އަލީ ވަނީ އީސްޓާރން މިޗިގަން ޔުނިވަރސިޓީއިން އިކޮނޮމިކްސްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.


 އައިމިނަތު ޝިފާނާ

ބޯޑު މެމްބަރު 

ހ. ޓިވެގާލައިޓް، ކ. މާލެ

 

ސޯޝަލް ސެކިޔުރިޓީ ސެކްޓަރ ތަމްޞީލު ކުރައްވާ ސިވިލް ސަރވިސްގެ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން އަލްފާޟިލާ އައިމިނަތު ޝިފާނާ،ޕެންޝަން އޮފީހުގެ ބޯޑާއި ގުޅިވަޑައިގެންނެވީ މާރޗް 2017 ގައެވެ. ޝިފާނާ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ. މިނިސްޓްރީ އޮފް ޖެންޑަރ އާއި ގުޅިވަޑައިގަތުމުގެ ކުރީން ޝިފާނާ ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގެ މަތީ މަޤާމްތައް ފުރުއްވާފައެވެ. މިގޮތުން، އެޑްމިނިސްޓްރޭޝަން، ރިސާރޗް އަދި ހިއުމަން ރިސޯސަސްގެ ރޮނގުން މަސައްކަތުގެ ތަޖުރިބާ ހޯއްދަވާފައިވެއެވެ. 

މީގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަންގެ އެސިސްޓަންޓް ލެކްޗަރަރ އެއްގެ ގޮތުގައި ޚިދުމަތް ކުރައްވާ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ޤާޢިމް ކުރުމުގައި ޝިފާނާ ވަނީ އަމަލީގޮތުން ހަރަކާތްތެރިވެ މުހިންމު ރޯލެއް އަދާކުރައްވާފައެވެ. ތަޢުލީމީ ރޮގުން ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ބެޗެލަރ އޮފް ސައިންސް (އޮނާސް) ގެ ދަރަޖަ ހާސިލްކުރެއްވުމުގެ އިތުރުން، އައިމިނަތު ޝިފާނާ ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މެނޭޖްމަންޓްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.