ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

13 މެއި 2009 ގައި ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން މުސްތަޤިއްލު މުޢައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ނަމުގައި ވަކި އޮފީހެއް ވަނީ އުފެދިފައެވެ. މި އޮފީހުގެ މައިގަނޑު މަސައްކަތަކީ ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމާއި ރިޓަޔަރމަންޓް ޕެންޝަން ސްކީމް ހިންގުމެވެ.

ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން މި އޮފީސް ހިންގުމުގެ ހުރިހާ ބާރުތަކެއް ލިބިގެންވަނީ ޕެންޝަން އޮފީހަށެވެ. ޕެންޝަން އޮފީހުގެ ބޯޑު އެކުލެވިގެންވަނީ ބޯޑުގެ ޗެއަރމަންގެ އިތުރުން ދައުލަތުގެ ވަޒީފާގައި އުޅުއްވާެ 3 މެމްބަރުންނާއި އަދި ދައުލަތުގެ ވަޒީފާއެއް އަދާނުކުރާ، ސަރުކާރުގެ ވަޒީފާގައި ނޫޅޭ 4 މެމްބަރުންގެ މައްޗަށެވެ.

ޕެންޝަން ސްކީމެއް ޤާއިމްކުރުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރައްޔިތުން ވަޒީފާއިން ރިޓަޔަރ ކުރެއްވުމަށްފަހު، އެކަށީގެންވާ ފެންވަރެއްގައި ދިރިއުޅުމަށް އެހީތެރިވެދިނުމެވެ. މީސްކީމުގެ ދަށުން ކޮންމެ ފަރާތަކަށްވެސް ވަޒީފާ އަދާ ކުރުމުންދިޔަ ދުވަސްތަކުގައި ފައިސާ ރައްކާކުރުމުގެ ފުރުސަތުލިބި، އަދި ވަޒީފާއިން ވަކިވުމުން އެމީހެއްގެ ޒަރޫރީ ބޭނުންތައް ފުއްދޭނެވަރަށް އެކަށޭނެ އާންމުދަނީއެއް ލިބިގެންދާނެއެވެ. މިގޮތުން ހުރިހާ ރައްޔިތުންނަށް، އުމުރުން ދުވަސްވީމީހުން، ފަގީރުން ނުވަތަ ހުނަރުވެރި މުވައްޒަފުންގެ މެދުގައިތަފާތުކުރުމެއްނެތި ޕެންޝަން ލިބިދެވޭނެއެވެ. ދިވެހިރާއްޖޭގައި އެކުލަވާލެވޭ މިޕެންޝަން ސިސްޓަމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ޕެންޝަން ސިސްޓަމްގެ ބެސްޓް ޕްރެކްޓިސްއަށް ބިނާކޮށްގެން ޤާއިމްކުރެވޭ ޕެންޝަން ސިސްޓަމަކަށްވާތީ، މާލީގޮތުން ފައިދާހުރި އަދި ދިގުމުއްދަތަށް ދެމެހެއްޓޭނެ ސިސްޓަމަކަށް މިޕެންޝަން ސިސްޓަމް ވެގެންދާނެއެވެ.