ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމްގެ ދަށުން 65 އަހަރު ފުރިފައިވާ ހުރިހާ ރައްޔިތުންނަށް، ވަޒީފާ އަދާ ކުރިއަސް ނުވަތަ ނުކުރިއަސް، ހަމަ ހަމަ ގޮތެއްގައި ޕެންޝަން ދެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން އެއްވެސް ފަރާތަކަށް ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދޭނެވަރުގެ ތަނަވަސްކަންނެތުން ނައްތާލެވޭނެއެވެ. މިސްކީމްގެ ދަށުން އަސާސީ ޕެންޝަންގެ ފައިސާ ދޫކުރާނީ ސަރުކާރުގެ ބަޖެޓުންނެވެ. މިގޮތުން ފުރަތަމަ ދޫކުރުމަށް ހަމަޖެހިފައިވަނީ -/2000 ރުފިޔާއެވެ. ފެބްރުއަރީ 2010 އިން ފެށިގެން މި ފައިސާ ދަނީ މި ޕެންޝަންގެ ބައިވެރިންގެ އެކައުންޓަށް ޖަމާ ކުރެވެމުންނެވެ.
އަސާސީ ޕެންޝަން ޙައްޤުވާ ފަރާތްތައްކަމަށް ބެލެވޭނީ، އުމުރުން 65 އަހަރުވެފައި، އަދި ދިވެހިރާއްޖޭގައި ދިރިއުޅެމުން އަންނަ ހުރިހާ ދިވެހި ރައްޔިތުންނެވެ.
ދައުލަތުގެ ޚަރަދުގައި ފުލްޓައިމްކޮށް ބަލަހައްޓަމުން ގެންދާ ފަރާތްތައް އަދި ކުށެއް ސާބިތުވުމުގެ ސަބަބުން ޖަލުގައި ބަލަހައްޓަމުން ގެންދާ ފަރާތްތަކަށް އަސާސީ ޕެންޝަން ޙައްޤެއް ނުވާނެއެވެ.
މި ޕެންޝަނުގައި ބައިވެރިވެވޭނީ "އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަށް އެދޭ ފޯމް" ފުރުމަށްފަހު މި އޮފީހާއި ހަވާލުކުރުމުންނެވެ.
Copyright © 2010 Maldives Pension Administration Office
Ameenee Magu, Machan Goalhi 30379, Rep. of Maldives
Tel: +960 3309908 | Fax: +960 3307759 | Email: info@pension.gov.mv