ޤާނޫނު ނަންބަރު 2009/08 "ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު" ގެ ދަށުން ގާއިމުކުރެވޭ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި 1މެއި 2010ން ފެށިގެން ދައުލަތުގެ މުވައްޒަފުންވަނީ ބައިވެރިވެ، ސްކީމަށް ފައިސާ ދައްކަން ފަށާފައެވެ.
އެގިވަޑައިގަންނަވާނޭ ފަދައިން ޕެންޝަނާބެހޭ ޤާނޫނުގައިވާގޮތުން، ދައުލަތް ފިޔަވައި އެހެންތަންތާގައި ވަޒީފާ އަދާކުރާ ފަރާތްތައްވެސްް 1 މެއި 2011ގެ ކުރިން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާން ޖެހެއެވެ. މީގެ ތެރޭގައި ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް، އަދި އެކިއެކި ޚިދުމަތްދޭ ތަންތަން ހިމެނެއެވެ. އެހެންކަމުން، ޕެންޝަނާއިބެހޭ ޤާނޫނާއި ބެހޭ ގޮތުންނާާއި، މިޤާނޫނުގެ ދަށުން ގާއިމުކުރާ ޕެންޝަން ސްކީމުތަކާބެހޭ ގޮތުން، އަދި ރިޓަޔަރމަންޓް ޕެންޝަންސްކީމުގައި ވަޒީފާދޭފަރާތްތައް ރަޖިސްޓްރީވާނެ ގޮތާއި، އެފަރާތްތަކުގެ މުވައްޒަފުން މިސްކީމުގައި ބައިވެރިކުރާނޭގޮތާއި ސްކީމަށް ފައިސާ ދައްކާނެގޮތުގެ މަޢުލޫމާތު ދިނުމަށްޓަކައި ޚާއްޞަ ބައްދަލުވުމެއް 14 ސެޕްޓެމްބަރ 2010 ވާ އަންގާރަ ދުވަހުގެ 14:00 ގައި ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ރޫމްގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.
ވީމާ، މިބައްދަލުވުމުގައި ތިޔަ ކުންފުނީގެ ނުވަތަ އޮފީހުގެ ދެެބޭފުޅުން ބައިވެރިވެ ވަޑައިގަތުމަކީ މިއޮފީހުގެ ވަރަށްބޮޑު އެދުމެކެވެ. މިދެބޭފުޅުންގެ ތެރޭގައި ކުންފުނީގެ ނުވަތަ އޮފީހުގެ އިސް ފަރާތަކާއި މުވައްޒަފުންގެ މުސާރައިގެ ކަންތައްތައް ބަލަހައްޓާ ފަރާތެއް ބައިވެރިވެ ވަޑައިގެން ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ. މިގޮތުން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ދެބޭފުޅެއްގެ ނަން 12ސެޕްޓެމްބަރ 2010 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން މިއޮފީހަށް ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް އެންގެވުން އެދެމެވެ. މިސަރކިއުލަރ އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއޮފީހުގެ 3309908 ނަންބަރަށް ގުޅުއްވުން އެދެމެވެ.
Copyright © 2010 Maldives Pension Administration Office
Ameenee Magu, Machan Goalhi 30379, Rep. of Maldives
Tel: +960 3309908 | Fax: +960 3307759 | Email: info@pension.gov.mv