ސުވާލާއި ޖަވާބް - މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް

1. މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް(އެމް.އާރު.ޕީ.އެސް) އަކީ ކޮބާ؟

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރު.ޕީ.އެސް) އަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގައި ވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި، އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، ވަޒީފާއިން މުސްކުޅި ކުރުމުގެ ޕެންޝަން ލިބިދިނުމަށްޓަކައި ގާއިމް ކުރެވޭ ޑިފައިން ކޮންޓްރިބިއުޝަން ޕެންޝަން ސްކީމެކެވެ.

މިޕެންޝަން ސްކީމް ހިންގޭނީ ވަޒީފާދޭފަރާތާއި ވަޒީފާއަދާކުރާ މީހުންގެ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ނަގާ ފައިސާ އާއި އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާ އިންނެވެ.

 

2. ޑިފައިން ކޮންޓްރިބިއުޝަން ސިސްޓަމަކީ ކޮބާ؟

ޑިފައިން ކޮންޓްރިބިއުޝަން ސިސްޓަމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ މީހުންގެ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ފައިސާނަގައިގެން އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާ އިން ހިންގޭ ޕެންޝަން ސްކީމަކަށް ކިޔާނަމެކެވެ.

މިގޮތުން އެމް.އާރް.ޕީ.އެސް އަށް ކޮންޓްރިބިއުޝަން ގެ ގޮތުގައި ދައްކަން ޖެހޭ ޢަދަދަކީ މަދުވެގެން ކޮންމެ މަހަކުވެސް އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %14 ( އެއީ ވަޒީފާދޭފަރާތުން ދައްކަންޖެހޭ %7 އާއި ވަޒީފާ އަދާކުރާ މީހާ ދައްކަން ޖެހޭ %7 ) އެވެ.

މިސްކީމުގެ ދަށުން ޕެންޝަނުގެ ގޮތުގައި ލިބޭ މިންވަރު ކަނޑައަޅާނީ ޕެންޝަނަށް ބަލާ ޢުމުރުކަމުގައިވާ 65 އަހަރު ހަމަވާއިރު އެމީހެއްގެ ރިޔަޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ އެއްގެ މައްޗަށް ބިނާކޮށެވެ.

 

3. ޕެންޝަން ސްކީމަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުމަށް ބަލާ މުސާރަ (ޕެންޝަނަށް ބަލާ މުސާރަ ) އަކީ ކޮބާ؟

ޕެންޝަނަށް ބަލާ މުސާރަ އަކީ އެމީހެއްގެ އަސާސީ މުސާރަ އެވެ. އަސާސީ މުސާރައަކީ ވަޒީފާގެ އެއްބަސްވުމުގައި އަސާސީ މުސާރަކަމަށް ބަޔާން ކޮށްފައިވާ ދިވެހި ރުފިޔާގެ ޢަދަދެވެ.

 

4. ޕެންޝަން ސްކީމުގައި އަޅުގަނޑު ބައިވެރިވާންޖެހޭތޯ؟

ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ މީހުން މިސްކީމުގައި ބައިވެރިވުމަކީ ލާޒިމް ކަމެކެވެ. ވަޒީފާ އަދާކުރާ މީހެއް ކަމުގައި ބެލެވެނީ ވަޒީފާދޭ ފަރާތުގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނިގެން މަހު މުސާރަދެވޭ، އަދި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީ ވާންޖެހޭގޮތަށް މަސައްކަތްކުރާ ކޮންމެ މީހެކެވެ.

 

5. އެމް.އާރް.ޕީ.އެސް ގައި ބައިވެރި ވުމަށްޓަކައި މުވައްޒަފަކު އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކަކީ ކޮބާ؟

އެމް.އާރް.ޕީ.އެސްގައި ބައިވެރިވުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރާނީ ވަޒީފާދޭފަރާތުންނެވެ. މިގޮތުން ސްކީމްގައި މުވައްޒަފުން ބައިވެރިކޮށް، މަހުން މަހަށް ފޮނުވަންޖެހޭ ސްޓޭޓްމަންޓްތައް ފޮނުވައި، ސްކީމަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ގެންދިއުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާ އެކެވެ.

 

6. އެމް.އާރް.ޕީ.އެސްގައި ރަޖިސްޓަރީވެ، ސްކީމުގައި މުވައްޒަފުން ބައިވެރިކޮށް، މަހުން މަހަށް ފޮނުވަންޖެހޭ ސްޓޭޓްމަންޓްތައް ފޮނުވައި، ސްކީމަށް ފައިސާ ދެއްކުމަށްޓަކައި އިދާރީގޮތުން ކުރަން ޖެހޭ ކަންތައްތަކަކީ ކޮބާ؟

އެމް.އާރް.ޕީ.އެސް ގައި ރަޖިސްޓްރީވެ، މުވައްޒަފުން ބައިވެރިކޮށް، މަހުން މަހަށް ފޮނުވަންޖެހޭ ސްޓޭޓްމަންޓް ފޮނުވައި، ސްކީމަށް ފައިސާ ދެއްކުމަށްޓަކައި ވަޒީފާދޭ ފަރާތްތަކުން ކުރަން ޖެހޭ އިދާރީމަސައްކަތްތައް ތިރީގައި ބަޔާންކުރެވިފައި އެވަނީ އެވެ.

• އެމް.އާރް.ޕީ.އެސްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ޕެންޝަން އޮފީހަށް ހުށަހެޅުން. މިފޯމް ހުށަހެޅުމުން ވަޒީފާދޭ ކޮންމެ ފަރާތަކަށް އެމްޕްލޯޔަރ އައިޑީއަކާއި ޕާސްކޯޑެއް ދެވޭނެއެވެ.

• އެމްޕްލޯޔަރ އައިޑީއާއި ޕާސްކޯޑްގެ އެހީގައި ޕެންޝަން އޮފީހު ގެ ޕޯޓަލް މެދުވެރިކޮށް މުވައްޒަފުންނާއި ބެހޭ މަޢުލޫމާތު ފޮނުވައި އެފަރާތްތައް ސްކީމްގައި ބައިވެރި ކުރުން.

• ކޮންމެ މަހަކު އެއްފަހަރު ސްޓޭޓަމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަންސް(އެސް.ޕީ.ސީ) އަޕްލޯޑް ކޮށް، އެ އަޕްލޯޑް ކުރުމުން ލިބޭ ރިސިޕްޓް ނޯޓިސް ހިފައިގެން ބޭންކަށް ގޮސް އެމަހަކަށްދަކަން ޖެހޭފައިސާ ދެއްކުން. މިފައިސާ ދައްކާނީ ޖެހިގެންއަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗަކަށެވެ.

ކަނޑައެޅިފައިވާ މުއްދަތުގައި އެސް.ޕީ.ސީ ހުށަނާޅާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެއެވެ.

 

7. ޕެންޝަނަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަންޖެހޭ މުޅި ޖުމްލަ ޢަދަދު (އަސާސީ މުސާރައިގެ %14) ވަޒީފާދޭފަރާތަށް ދެއްކިދާނެތޯ ؟

އާނއެކެވެ ! ވަޒީފާދޭފަރާތުން އެއްބަސަވާނަމަ މުވައްޒަފުގެ އަތުން ސްކީމަށް ފައިސާނުނަގާ ގޮތަށް، ހަމައެކަނި ވަޒީފާދޭފަރާތުން މުވައްޒަފުގެ ޕެންޝަނަށްބަލާ މުސާރައިގެ %14 އަށް ވުރެ މަދުނޫން ޢަދަދަކަށް ސްކީމަށް ފައިސާ ދައްކާގޮތަށް ހަމަޖެއްސުމަކަށް ޕެންޝަނާބެހޭ ޤާނޫނު ހުރަހެއްނާޅައެވެ.

 

8. މުވައްޒަފަކު ނެތް ކުންފުނި/ ފިހާރަ ފަދަތަންތަން މިސްކީމުގައި ރަޖިސަޓްރީކުރަންޖެހޭނެތޯ؟

މުވައްޒަފަކު ނެތް ކުންފުނި/ ފިހާރަ އަދި ވަޒީފާގެ ފުރުސަތު އޮތް ކޮންމެތަނަކުން މުވައްޒަފުން ނެތްނަމަ ދެގޮތަކަށް ޢަމަލު ކުރެވިދާނެއެވެ. އެއްގޮތަކީ މިސްކީމުގައި ރަޖިސަޓްރީވެ، ރިޖިސްޓްރީ ފޯމުގައި މުވައްޒަފުން ނެތްކަން އެނގުމެވެ. ދެވަނަ ގޮތަކީ ސިޓީއަކުން މުވައްޒަފުން ނެތްކަން މިއޮފީހަށް އެންގުމެވެ. އެހެންނަމަވެސް، މިފަދަ ކުންފުންޏެއް /ފިހާރަ ނުވަތަ ވަޒީފާގެ ފުރުސަތު އޮތް ކޮންމެ ތަނަކުން މީހަކަށް ވަޒީފާދީފިނަމަ ވީ އެންމެއަވަސް މުއްދަތެއްގައި ސްކީމުގައި ރަޖިސްޓްރީކޮށް އެމުވައްޒަފަކު ނުވަތަ މުވައްޒަފުން ސްކީމުގައި ބައިވެރިކުރަންވާނެއެވެ.

 

9. އެމް އާރް ޕީ އެސް ގައި ބިދޭސީން ބައިވެރި ކުރުމަކީ މަޖްބޫރު ކަމެއްތޯ ؟

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 1ވަނަ އިޞްލާޙާ ގުޅިގެން ބިދޭސީ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރުމުގެ ކަންތައް މިއޮފީހުން ކަނޑައަޅާ އުޞޫލެއްގެ ދަށުން 24 އޭޕްރީލް 2011އިން ފެށިގެން ގިނަވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ކޮށް ނިންމަންޖެހެއެވެ. އެހެންކަމުން މިކަމަށް ކަނޑައަޅާ އުޞޫލު މިއޮފީހުން އާންމު ކުރެވޭނެއެވެ.

މިއުޞޫލު ކަނޑައެޅެންދެން ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީ މުވައްޒަފުން މިސްކީމުގައި ބައިވެރިކުރުވުމަށް މަޖުބޫރުވާ ޙާލަތު މިހާރު މިވަނީ 2014 އެޕްރީލްއަށް ފަސްކުރެވިފައެވެ. އަދި މިއުޞޫލު ކަނޑައެޅުމާއި ދެމެދު ހިނގާ މުއްދަތުގައި ޕަބްލިކް ސެކްޓަރ އަދި ޕްރައިވެޓް ސެކްޓަރގައި ވަޒީފާއަދާކުރާ ބިދޭސީން ބައިވެރިކުރުމުގައި ވަޒީފާއަދާކުރާފަރާތާއި ވަޒީފާދޭފަރާތުން އެއްބަސްވާ ގޮތެއްގެމަތިން އަމިއްލަ އިޚްތިޔާރުގައި މިސްކީމުގައި ބައިވެރި ވެވިދާނެއެވެ.

 

10. ސްކީމުގެ ބައިވެރިއަކު މަރުވެއްޖެ ނަމަ، އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަގައި ހުރި ފައިސާ އަށް ވާނީ ކިހިނެއްތޯ؟

ޕެންޝަން ސްކީމުގެ ބައިވެރިއަކު މަރުވެއްޖެނަމަ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ގަނޑުކޮށް އެމީހެއްގެ ވާރިސުންނަށް ޝަރުޢީ ކޯޓެއް މެދުވެރިކޮށް ދޫކުރެވޭނެއެވެ.

 

11. އެއްވަޒީފާއިން އަނެއް ވަޒީފާ އަށް ބަދަލުވުމުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގައި ހުރި ފައިސާ އަށް ވާނީ ކިހިނެއްތޯ؟

އެއްވަޒީފައިން އަނެއްވަޒީފާއަށް ބަދަލުވިކަމުގައި ވިޔަސް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަކަށް ބަދަލެއް ނާންނާނެއެވެ. ވަޒީފާ ބަދަލުވުމަށް ފަހު އަލަށް ގުޅޭ ތަނަކުން އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ފައިސާ ޖަމާކުރަމުން ގެންދާނެއެވެ.

 

12. ބަލިވެއްޖެ ހިނދެއްގައި ނުވަތަ ނުކުޅެދުންތެރިވެއްޖެ ޙާލަތެއްގައި ބޭސްފަރުވާ ކުރުމަށްޓަކައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގައި ހުރި ފައިސާ ނެގިދާނެ ތޯ؟

ބޭސްފަރުވާ ކުރުމަށްޓަކައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގައި ހުރި ފައިސާ ނެގޭނެ އުޞޫލެއް އަދި ނެތެވެ. އެހެންނަމަވެސް، މުސްތަޤްބަލުގައި ސްކީމުގެ ބައިވެރިއަކު ނުކުޅެދުންތެރިވެއްޖެ ޙާލަތެއް ގައި ނުވަތަ ބޮޑު ބައްޔެއް ޖެހިއްޖެ ހާލަތެއްގައި ޢިނާޔަތްތަކެއް ލިބިދެވޭނެ ގޮތްތަކެއް ކަނޑައެޅިގެންދާނެ އެވެ.

 

13. ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ފައިސާގެ ތަފްސީލް އެނގޭނެ ގޮތެއް އޮންނާނެތޯ؟

ޕެންޝަނާބެހޭ ގާނޫނުގައި ވާގޮތުން، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މަދުވެގެން އަހަރަކު އެއްފަހަރު ސްކީމުގެ ކޮންމެ ބައިވެރިއަކަށް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގެ ތަފްސީލް ބެލޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ. މިގޮތުން މިހާރުވަނީ ޕެންޝަން އޮފީހުގެ ޕޯޓަލް މެދުވެރިކޮށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގެ ތަފްސީލް ބެލޭނެއިންތިޒާމް ހަމަޖެހިފައެވެ. އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގެ ތަފްސީލް ޗާޕްކޮށްފައިވާ ކަރުދާހެއްގެ ގޮތުގައި ބޭނުންފުޅުވާނަމަ، ޕެންޝަން އޮފީހަށް އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުމުން، އެޚިދުމަތް ދެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. އަމިއްލަ ފުޅަށް ވަޑައި ނުގެންނެވޭނެނަމަ އައިޑީ ކާޑް ދެއްވާފައި އެހެންބޭފުޅެއް ފޮނުއްވިނަމަވެަސް އެޚިދުމަތް ލިބޭނެއެވެ.

 

14. ޕެންޝަން އެސެޓް އިންވެސްޓް ކުރުމުގެ ޒިންމާ އަދާ ކުރަނީ ކޮން ފަރާތަކުން ތޯ؟

ޕެންޝަން އެސެޓް އިންވެސްޓް ކުރުމުގެ ޒިންމާ އަދާކުރާ ފަރާތަކީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހެވެ. މިކަމަށްޓަކައި އެސެޓް މެނޭޖަރުން އައްޔަން ކުރުމުގެ އިޚްތިޔާރު މިއޮފީހަށް ލިބިގެންވެއެވެ. ޕެންޝަން އެސެޓް އިންވެސްޓް ކުރެވޭ ގޮތް ބެލުމަކީ ޕެންޝަން އޮފީހުގެ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތެކެވެ.

 

15. ޕެންޝަން އެސެޓް އިންވެސްޓް ކުރެވެނީ ކޮން ގޮތަކަށް؟

ޕެންޝަން އެސެޓް އިންވެސްޓް ކުރެވެނީ ޕެންޝަނާބެހޭ ޤާނޫނުގައި ވާ ގޮތުގެ މަތިން، މިސްކީމުގެ ބައިވެރިންނަށާއި ބެނެފިޝަރީންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނޭ ގޮތުގެ މަތިންނެވެ. މިގޮތުން ޕެންޝަން އެސެޓް އިންވެސްޓް ކުރެވެނީ ވިޔަފާރިކުރާ ތަންތަނުން ދޫކުރާ ސެކިއުރިޓީސްތަކުގެ ތެރެއިން ރާއްޖޭގައި ހުންނަ ލައިސަންސް އޮންނަ ސްޓޮކް އެކްސްޗޭންޖެއްގައި ލިސްޓް ކުރެވިފައިވާ ސެކިއުރިޓީސް ތަކުގައާއި ، ކަމާ ބެހޭ ފަރާތްތަކުން ލައިސަންސް ދީފައިވާ ބޭންކްތަކުގެ ސެކިއުރޓީސް ތަކުގެ އިތުރުން ސަރުކާރުން ދޫކުރާ ސެކިއުރިޓީސް ތަކުގައެވެ. ޕެންޝަން އެސެޓްތައް އިންވެސްޓް ކުރުމުގައި ޕެންޝަން އޮފީހުގެ ޑިރެކްޓަރުންގެ ބޯޑުން އަންނަނިވި ކަންތައްތަކަށް ބަލަންޖެހެއެވެ.

- އެސެޓްގެ ރައްކާތެރިކަން

- އިންވެސްޓްމަންޓްތަކުގެ ޑައިވަރސިޓީ

- އެސެޓް ގެ ރައްކާތެރިކަމަށް ބަލާއިރު އެންމެ ފައިދާބޮޑު އެސެޓްސް ތަކުގައި އިންވެސްޓް ކުރުން.

- އެކަށީގެންވާ މިންވަރަކަށް ލިކުއިޑިޓީ ދެމެހެއްޓުން

 

16. ޕެންޝަން ކޮންޓްރިބިއުޝަން ގެ ގޮތުގައި ދައްކާ ފައިސާގެ ރައްކާތެރިކަމާ މެދު އޮތީ ކިހާވަރެއްގެ ޔަގީން ކަމެއް ތޯ؟

ޕެންޝާނާބެހޭ ޤާނޫނުން މި ފައިސާގެ ރައްކާތެރިކަމަށްޓަކައި އެތަކެއް ކަންތައްތަކެއް ބެލުމަށް ލާޒިމް ކޮށްފައިވެއެވެ. މިގޮތުން ޕެންޝަން އޮފީހުގެ ބޯޑުގެ އިތުރުން ސްކީމް ހިންގުމުގެ ނުވަތަ ޕެންޝަން އެސެޓް މެނޭޖް ކުރުމާއި ތަސައްވަރުކުރުމުގެ އިޚްތިޔާރުލިބިފައިވާ ކޮންމެފަރާތަކީ މިޤާނޫނުގެ ދަށުން ސްކީމް ގެ ބެނެފިޝަރީންގެ ކުރިމަތީގައި ފައިޑިއުޝަރީންކަމުގައި ބެލެވޭނެ އެވެ. އަދި ޕެންޝަން އެސެޓް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކަސްޓޯޑިއަނުން އައްޔަން ކުރުމުގެ އިތުރަށް ޕެންޝަން އެސެޓް އިންވެސްޓް ކުރެވެމުން ދަނީ ޕެންޝަން ގާނޫނާއި، ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް އާ އެއްގޮތައްތޯ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން ބަލަމުންގެންދާނެއެވެ. މިގޮތުން ޕެންޝަން އޮފީހާއި ޕެންޝަން އެސެޓް ގެ ކަސްޓޯޑިއަނުން ގެ މަސައްކަތްތައް ދާ ގޮތް ބެލުމުގެ އިޚްތިޔާރު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ލިބިގެން ވެ އެވެ. މީގެ އިތުރުން އަހަރަކު އެއްފަހަރު އޮޑިޓް ކޮށްފައިވާ އަހަރީ ހިސާބު ޕެންޝަން އޮފީހުން ޢާންމުކޮށް ޝާއިއު ކުރަންޖެހެއެވެ.

 

17. ރިޓަޔަރމަންޓް ޕެނަޝަން ސްކީމުގެ ދަށުން އެސްކީމުގެ ބައިވެރިއަކަށް ލިބޭނެ ފައިސާގެ މިންވަރު ކަނޑައަޅާނީ ކިހިނެއް ތޯ؟

ޕެންޝަނަށް ބަލާ ޢުމުރު ހަމަވުމުން ރިޓަޔަރމަންޓް ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު ލިބޭނެ ފައިސާ ގެ ޢަދަދު ބިނާ ވާނީ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގައި ހުރި ފައިސާއެއްގެ މައްޗަށެވެ.

މިގޮތުން އިންތިގާލީ މަރުހަލާގައި ސްކީމް ގެ ބައިވެރި އަކަށް މަހެއްގެ މައްޗަށް ލިބޭނެ ޢަދަދަކީ އެމީހެއްގެ އުމުރުން 65 އަހަރު ވާއިރު އޭނާގެ ރިޓަރަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ފައިސާ، ދިވެހިރާއްޖޭގައި އެއިރެއްގެ ލައިފް އެކްސްޕެކްޓެންސީ (ދިރިހުންނާނެ ކަމަށް ލަފާކުރެވޭ އުމުރު) އިން 65 ކެނޑުމުން އަންނަ މުއްދަތުގެ މައްޗަށް ބަހާލުމުން އަންނަ ޢަދަދެކެވެ. މިވަގުތު ރާއްޖޭގައި 65 އަހަރު ފުރިފައިވާ މީހަކު ދުނިޔޭގައި ހުންނާނެކަމަށް ލަފާކުރެވެނީ އެމީހެއްގެ އުމުރުން 79 އަހަރު ވަންދެނެވެ. އެހެންކަމުން މިވަގުތު ޕެންޝަން ސްކީމުގެ ބައިވެރިއަކަށް މަހަކު ލިބޭނެ އަދަދަކީ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުގައި ހުރި ފައިސާ 14 އަހަރަށް ބަހާލުމުން މަހަކަށް ޖެހޭ ޢަދަދެކެވެ.

 

18. ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ވާ ފައިސާ ނެގޭނީ ކޮންއިރަކުންތޯ؟

އުޞޫލެއްގެ ގޮތުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައިވާ ފައިސާ ނެގޭނީ އުމުރުން 65 އަހަރު ފުރުމުން މަހުން މަހަށް ލިބޭ ޕންޝަނެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އަރލީ ޕެންޝަން ވިތްޑްރޯވަލް އަށް ޝަރުތު ހަމަވާ ފަރާތްތަކަށް އުމުރުން 55 އަހަރު ގައި ވެސް ޕެންޝަނަށް އެދެވިދާނެއެވެ.

 

19. ކުޑަ ދުވަސްކޮޅަކަށް ޕެންޝަން ސްކީމަށް ފައިސާ ދެއްކުމަށްފަހު ވަޒީފާއިން ވަކިވެއްޖެނަމަ އެފައިސާ ލިބޭނީ ކޮން ދުވަހަކުތޯ؟

ފައިސާ ލިބޭނީ އުމުރުން 65 އަހަރުވުމުންނެވެ.

 

20. 65 އަހަރަށްވުރެ ކުރިން އެމީހެއްގެ ރިޓަޔަރމަން ސޭވިންގ އެކައުންޓްގައި ހުރި ފައިސާ ލިބިދާނެތޯ؟ އެއްފަހަރާ ހުރިހާ ފައިސާއެއް ލިބޭނެތޯ؟

65 އަހަރަށްވުރެ ކުރިން ޕެންޝަންގެ ގޮތުގައި ޖަމާކުރި ފައިސާ ލިބުމަށް އެދެވިދާނެ ހަމައެކަނި ހާލަތަކީ، ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިއެއްގެ ރިޓަޔަމަންޓް ސޭވިންސް އެކައުންޓުގައި، އެމީހެއްގެ އުމުރުން 55 އަހަރު ހަމަވާއިރު، ޖަމާވެފައިހުރި ފައިސާގެ ނިސްބަތުން، ޕެންޝަން އޮފީހުން ޕެންޝަން ދިނުމަށް ކަނޑައަޅާ ގަވާއިދާ އެއްގޮތަށް ބަހާލުމުން ކޮންމެމަހަކަށް ލިބޭ ޕެންޝަންގެ އަދަދު އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ އަދަދުގެ ދެގުނައަށްވުރެ ބޮޑު ވާނަމަ، ސްކީމްގެ ދަށުން ބެނިފިޓް ލިބުމަށް އެމީހަކަށް އެދެވިދާނެއެވެ. އެހެންނަމަވެސް އެއްފަހަރާ ހުރިހާ ފައިސާއެއް ނުލިބޭނެއެވެ. ފައިސާ ލިބޭނީ ކޮންމެ މަހަކު ކަނޑައެޅޭ ވަކި މިންވަރަކަށެވެ.

 

21. ވަޒީފާގައި އުޅޭތާ 18 އަހަރު ވެފައިވާ މުވައްޒަފެއް، އޭގެ 2 އަހަރު ފަހުން، ކުރިން ޕެންޝަން ދެއްވަމުން ގެންދެވި އުސޫލުން 20 އަހަރުވުމުން ލިބޭ ޕެންޝަން ލިބޭނެތޯ؟ އަދި ކުރިން ޚިދުމަތް ކުރި މުއްދަތުގެ ޕެންޝަނާ ގުޅޭ ގޮތުން ޢަމަލު ކުރުމަށް ހަމަޖެހިފައިވާ ގޮތަކީ ކޮބައިތޯ؟

ސަރުކާރު ވަޒީފާ އަދާކުރާތާ 20 އަހަރު ވުމުން ކުރިން ދެއްވަމުން ގެންދެވި ޕެންޝަން، 1 މޭ 2010 ން ފެށިގެން ދިނުން ހުއްޓާލެވޭނެއެވެ. އެހެންނަމަވެސް ޤާނޫނަށް ޢަމަލުކުރަން ފަށިއިރު (13 މެއި 2009) އުމުރުން 65 އަހަރުނުވާ ދައުލަތުގެ މުވައްޒަފުންނަށް ލިބެންޖެހޭ އެކްރޫޑް ޕެންޝަން ޙައްޤުތައް ސަރުކާރުގެ ރިކޮގްނިޝަން ބޮންޑްސް ގެ ގޮތުގައި އެމީހުންގެ ރިޓަޔަރމަންޓް ސޭވިންސް އެކައުންޓަށް ޖަމާކުރެވޭނެއެވެ.

 

22. ރިޓަޔަރމަންޓް ޕެންޝަން ގެ ފައިސާ ޖަމާ ކުރެވޭނީ ކޮންގޮތަކަށް؟

ރިޓަޔަރމަން ޕެންޝަނުގެ ގޮތުގައި ދޫކުރެވޭ ފައިސާ ޖަމާކުރެވޭނީ ޕެންޝަން ލިބޭ މީހާގެ ނަންހިމެނޭ ގޮތަށް ހުޅުވާފައިވާ ސިންގަލް ނުވަތަ ޖޮއިންޓް ބެންކު އެކައުންޓަކަށެވެ. އަދި މިއެކައުންޓަކީ ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ބެންކެއްގައި ހުޅުވިފައިވާ ދިވެހި ރުފިޔާ އެކައުންޓަކަށް ވާންޖެހޭނެ އެވެ.

 

23. އަރލީ ޕެންޝަން ވިތްޑްރޯވަލް ނުވަތަ 55 އަހަރުގައި ޕެންޝަނަށް އެދެވިދާނެ ހާލަތްތަކަކީ ކޮބާ؟

އަރލީ ޕެންޝަން ވިތްޑްރޯވަލް ނުވަތަ 55 އަހަރުގައި ޕެންޝަނަށް އެދެވޭނީ އުމުރުން 55 އަހަރު ފުރުމަށް ފަހު އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގައި ހުރި ޖުމްލަ ޢަދަދު ލައިފް އެކްސްޕެކްޓަންސީ އަށް ބިނާ ކޮށް ބަހާލުމުން މަހެއްގެ މައްޗަށް ޖެހޭ ޢަދަދަކީ އެއިރެއްގައި ދެވޭ އަސާސީ ޕެންޝަން ގެ ދެގުނަ އަށް ވުރެ ބޮޑު ޢަދަދަކަށް ވާނަމަ އެވެ.

 

24. ރިޓަޔަރމަންޓް ޕެންޝަން ލިބޭ މީހަކަށް އަސާސީ ޕެންޝަން ލިބޭނެ ތޯ؟

ރިޓަޔަރމަންޓް ޕެންޝަން ލިބޭ މީހަކަށް އަސާސީ ޕެންޝަން ލިބޭނީ އެމީހަކަށް ރިޓަޔަރމަންޓް ޕެންޝަން ގެ ގޮތުގައި ލިބޭ ޢަދަދަކީ އަސާސީ ޕެންޝަނުގެ ގޮތުގައި ދެވޭ ޢަދަދުގެ ދެގުނައަށް ވުރެ ކުޑަ ޢަދަދެއް ކަމުގައި ވާ ނަމަ އެވެ. އަދި މީގެ އިތުރުން ރިޓަޔަރމަންޓް ޕެންޝަން ލިބޭ މީހަކަށް އަސާސީ ޕެންޝަން ލިބިދެވޭނީ އެމީހަކަށް ރިޓަޔަރމަންޓް ޕެންޝަން ގެ ގޮތުގައި ލިބޭ ޢަދަދުގެ %50 އަސާސީ ޕެންޝަނުން އުނިކުރުމަށް ފަހު އެވެ.

 

25. އެކި ކޯސްތައް ފުރިހަމަކުރަމުން ދާ މީހުންގެ ތެރެއިން،އެލަވަންސްއެއްގެ ގޮތުގައި އެމީހެއްގެ އަސާސީ މުސާރަ މަހުން މަހަށް ދެވެމުންދާ، އެހެންނަމަވެސް، ކޯހުގެ މުއްދަތަށް ވަޒީފާއިން ވަކިކުރެވިފައިވާ މީހުން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރަން ޖެހޭނެ ތޯ؟

ޕެންޝަނާބެހޭ ޤާނޫނަށާއި ޕެނަޝާނާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް ބަލާއިރު ވަޒީފާ އަދާކުރާފަރާތް ކަމަށް ބުނެފައިވަނީ ވަޒީފާދޭ ފަރާތުގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނިގެން މަހު މުސާރަދެވޭ، އަދި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީ ވާންޖެހޭ ގޮތަށް މަސައްކަތްކުރާ ކޮންމެ ފަރާތެކެވެ. އެހެންކަމުން ވަޒީފާއިން ވަކިކުރުމަށްފަހު، އެލަވަންސްއެއް ދޭ ގޮތަށް އެކި ކޯސްތައް ފުރިހަމަ ކުރަމުންދާ ފަރާތްތަކަކީ، މުވައްޒަފު މާނަ ކުރުމުގެ ތެރޭގަ ހިމެނޭ ފަރާތްތަކަށް ނުވާތީ، އެފަރާތްތައް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާކަށް ނުޖެހެއެވެ.

 

26. ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާން ޖެހޭނެ ތޯ؟

ޕެންޝަނާބެހޭ ޤާނޫނަށާއި ޕެނަޝާނާއިބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް ބަލާއިރު ވަޒީފާ އަދާކުރާފަރާތް ކަމަށް ބުނެފައިވަނީ ވަޒީފާދޭ ފަރާތުގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނިގެން މަހު މުސާރަދެވޭ، އަދި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީ ވާންޖެހޭ ގޮތަށް މަސައްކަތް ކުރާ ކޮންމެ ފަރާތެކެވެ.

ވީމާ އިސްވެދެންނެވި އުޞޫލުން މަސައްކަތް ކުރާ އެންމެހައި އެގްޒެކެޓިވް ބޯޑު ޑިރެކްޓަރުންނާއި ނޮންއެގްޒެކެޓިވް ބޯޑު ޑިރެކްޓަރުންނަކީ ޕެނަޝަނާބެހޭ ގާނޫނުގެ މަޤްޞަދަށްޓަކައި ވަޒީފާ އަދާކުރާ ފަރާތްތަކެވެ. ނަމަވެސް ނޮންއެގްޒެކެޓިވް ޑިރެކްޓަރުން އާންމު އުޞޫލަކުން މަސައްކަތްކުރަނީ ބޯޑުގެ ބައްދަލުވުންތަކަށް ވަކިން ހާޒިރުވާ ޑިރެކްޓަރުންގެ ގޮތުގައި ކަމަށްވެފައި، އެފަރާތްތަކަށް އާއްމު އުޞޫލަކުން އުޖޫރަދެވެނީ ހާޒިރުވާ ޖަލްސާތަކަށް ކަމުން ، ފަހުން މިދެންނެވި އުޞޫލުގެ ދަށުން މަސައްކަތް ކުރާ ނޮން އެގްޒެކެޓިވް ޑިރެކްޓަރުންނަކީ ވަޒީފާ އަދާކުރާފަރާތް މާނަ ކުރުމުގައި ހިމެނޭ ފަރާތްތަކަކަށް ނުވާތީ، އެފަރާތްތައް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާކަށް ނުޖެހެއެވެ.

 

27. ރާއްޖެއިން ބޭރުގައި ވަޒީފާއަދާކުރާއިރު ޕެންޝަނަށް ފައިސާ ދައްކަންޖެހޭތޯ؟

ލާޒިމެއް ނޫނެވެ. އެކަމަކު އެފަރާތެއް ބޭނުންނަމަ ޕެންޝަން ސްކީމްގައި ވޮލަންޓަރީކޮށް ބައިވެރިވެވިދާނެ އެވެ.

 

28. ތަފާތު ޕެންޝަން ސްކީމް ތަކުން ޕެންޝަންގެ ގޮތުގައި ލިބޭފައިސާ،އެކިއެކައުންޓް ތަކަށް ޖަމާކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު އޮންނާނެ ތޯ؟

ތަފާތު އެކި ސްކީމުތަކުން ޕެންޝަން ލިބެމުން ދިޔަކަމުގައި ވިޔަސް، ޕެންޝަން އޮފީހުން ބަލަހައްޓަމުން ގެންދާ ޕެންޝަން ސްކީމުތަކުން ލިބޭ ހުރިހާ ޕެންޝަން ފައިސާއެއްވެސް ޖަމާކުރުމަށް ހަމަޖެހިފައިވަނީ، ޕެންޝަން ލިބޭ މީހާގެ ނަމުގައި ހުޅުވާފައިވާ ކޮންމެވެސް އެއް ބޭންކް އެކައުންޓަކަށެވެ.