1. އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަކީ ކޮބާ؟
އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަކީ އުމުރުން 65 އަހަރު ވެފައިވާ އަދި ދިވެހިރާއްޖޭ ގައި ދިރިއުޅޭ ކޮންމެ ދިވެއްސަކަށް ދިވެރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުން ލިބިދެވޭ ޕެންޝަނެކެވެ. އަސާސީ ޕެންޝަންގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ދެވޭނީ ދައުލަތުން ކަނޑައަޅާފައިވާެ އަދަދެކެވެ. މިގޮތުން 2012 ޖެނުއަރީން ފެށިގެން އަސާސީ ޕެންޝަންގެ ގޮތުގައި ދެވެނީ 2300 ރުފިޔާއެވެ. އެހެންނަމަވެސް އެހެން ޕެންޝަނަކުން ( މިސާލަކަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް) ފައިސާ ލިބޭ ފަރާތެއް ނަމަ އަސާސީ ޕެންޝަން ލިބިދެވޭނީ އެލިބޭ ޕެންޝަނެއްގެ %50 އަށް ވާ އަދަދު އަސާސީ ޕެންޝަނުން އުނިކުރުމަށް ފަހުގައެވެ.
2. އަސާސީ ޕެންޝަން ޙައްޤުވާ މީހުންނަކީ ކޮބާ؟
އަންނަނިވި ޝަރުތުތައް ހަމަވާ ކޮންމެ މީހަކަށް އަސާސީ ޕެންޝަން ޙައްޤުވާނެ އެވެ.
- ދިވެހި ރައްޔިތެއް ކަމުގައި ވުން.
- މީލާދީ ގޮތުން އުމުރުން 65 އަހަރު ފުރިފައި ވާ މީހަކު ކަމުގައި ވުން
- ދިވެހި ރާއްޖޭގައި ދިރިއުޅޭ މީހަކު ކަމުގައި ވުން
- ދައުލަތުގެ ޚަރަދުގައި ފުލްޓައިމް ކޮށް ބަލަހައްޓަމުން ގެންދާ ނުވަތަ ކުށެއް ސާބިތުވުމުގެ ސަބަބުން ޖަލުގައި ބަލަހައްޓަމުން ގެންދާ މީހެއްކަމުގައި ނުވުން
- އެހެން ޕެންޝަނެއްގެ ގޮތުގައި އަސާސީ ޕެންޝަން ގެ ދެގުނަ އަށް ވުރެ ބޮޑު ޢަދަދެއް ލިބޭ މީހެއް ކަމުގައި ނުވުން.
3. އަސާސީ ޕެންޝަނަށް އެދެވޭނީ ކޮންއިރަކު ؟ އަދި ކިހިނެއް؟
މީލާދީ ގޮތުން އުމުރުން 65 އަހަރު ފުރުމުގެ 6 މަސް ކުރިން ނޫން ނަމަ އޭގެ ފަހުގެ ކޮންމެ ތާރީޚެއްގައި ވެސް އަސާސީ ޕެންޝަނަށް އެދެވިދާނެ އެވެ. ޕެންޝަނަށް އެދޭނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމް (ޕެންޝަނަށް އެދޭފަރާތެގެ މައުލޫމާތު ފޯމް) ފުރިހަމަކޮށް، އެ ފޯމުގެ އަސްލު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ހުށަހަޅައި ގެންނެވެ. މި ފޯމް ލޯކަލް ކައުންސިލްތަކުގެ އިދާރާތައް މެދުވެރި ކޮށް ވެސް ހުށަހެޅިދާނެ އެވެ.
4. އަސާސީ ޕެންޝަން ގެ ފައިސާ ނަގުދު ފައިސާ ގެ ގޮތުގައި އަތަށް ދޫކުރާނެތޯ؟
ނޫނެކެވެ. އަސާސީ ޕެންޝަން ގެ ފައިސާ ޖަމާކުރެވޭނީ ޕެންޝަން ލިބޭ މީހާގެ ނަން ހިމެނޭ ގޮތަށް ހުޅުވާފައިވާ ސިންގަލް ނުވަތަ ޖޮއިންޓް ބޭންކު އެކައުންޓަކަށެވެ. އަދި، މިއެކައުންޓަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވިފައިވާ ދިވެހި ފައިސާގެ އެކައުންޓަކަށް ވެސް ވާން ޖެހޭނެއެވެ.
5. އުމުރުން 65 އަހަރު ފުރުނު ކަމުގައި ވިޔަސް ޕެންޝަނަށް ނޭދި ދެ ތިންއަހަރު ފާއިތު ވުމަށްފަހު ޕެންޝަނަށް އެދެވި ދާނެ ތޯ؟ އަދި އެ ފާއިތުވި ދެއަހަރު ނުވަތަ ތިންއަހަރު ގެ ފައިސާ އެއްކޮށް ލިބޭނެތޯ؟
އުމުރުން 65 އަހަރު ފުރުނު ކަމުގައި ވިޔަސް ޕެންޝަނަށް ނޭދި ދެ ތިންއަހަރު ނުވަތަ އެއަށްވުރެ ގިނަދުވަސް ފާއިތު ވުމަށްފަހު ވެސް ޕެންޝަނަށް އެދެވި ދާނެއެވެ. އެހެންނަމަވެސް، ޕެންޝަނަށް ނޭދި ފާއިތުވެފައިވާ ދުވަސްތަކަށް ފައިސާ ދޫކުރެވޭނީ ފޯމް ހުށަހަޅާ ތާރީޚުން ފެށިގެން ގިނަވެގެން 1 (އެކެއް) އަހަރުގެ މުއްދަތަށެވެ.
6. ޕެންޝަން ލިބޭފަރާތަކުން ޕެންޝަން އޮފީހަށް ދީފައިވާ ބޭންކް އެކައުންޓް ނުވަތަ އެނޫން ވެސް މަޢުލޫމާތެއް ބަދަލުކުރަން ޖެހިއްޖެ ޙާލަތެއްގައި ހަދާނީ ކިހިނެއްތޯ؟
ޕެންޝަން ލިބޭފަރާތަކުން ޕެންޝަން އޮފީހަށް ދީފައިވާ ބޭންކް އެކައުންޓް ނުވަތަ އެނޫން ވެސް މަޢުލޫމާތެއް ބަދަލުކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަމަށް ކަޑައެޅިފައިވާ ފޯމް ފުރިހަމަކޮށް ހުށަހެޅިދާނެ އެވެ. މިގޮތަށް ހުށަހާޅާ ބޭންކު އެކައުންޓާ ގުޅޭ މަޢުލޫމާތް ޤަބޫލުކުރެވޭނީ އެ އެކައުންޓަކީ ޞައްޙަ އެކައުންޓެއްތޯ ބެލުމަށް ފަހުގައެވެ.
7. އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ އަދަދު 2300 ރުފިޔާ އަށް ވުރެ މަދުވެދާނެ ޙާލަތްތަކަކީ ކޮބާ؟
އަސާސީ ޕެންޝަން ގެ ގޮތުގައި ލިބޭ އަދަދު 2300 ރުފިޔާ އަށް ވުރެ މަދުވެދާނެ ހަމައެކަނި ޙާލަތަކީ އަސާސީ ޕެންޝަން ލިބޭ މީހަކީ އެހެން ޕެންޝަން ސްކީމެއް ގެ ދަށުން ޕެންޝަން ލިބޭ މީހެއް ކަމުގައި ވުމެވެ. މިފަދަ މީހަކަށް އަސާސީ ޕެންޝަން ގެ ފައިސާ ދެވޭނީ އެމީހަކަށް ލިބޭ އެހެން ޕެންޝަނެއްގެ %50 އަސާސީ ޕެންޝަނުން އުނި ކުރުމަށް ފަހުގައެވެ.
8. ތަފާތު ޕެންޝަން ސްކީމް ތަކުން ޕެންޝަންގެ ގޮތުގައި ލިބޭފައިސާ،އެކިއެކައުންޓް ތަކަށް ޖަމާކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު އޮންނާނެ ތޯ؟
ތަފާތު އެކި ސްކީމުތަކުން ޕެންޝަން ލިބެމުން ދިޔަކަމުގައި ވިޔަސް، ޕެންޝަން އޮފީހުން ބަލަހައްޓަމުން ގެންދާ ޕެންޝަން ސްކީމުތަކުން ލިބޭ ހުރިހާ ޕެންޝަން ފައިސާއެއްވެސް ޖަމާކުރުމަށް ހަމަޖެހިފައިވަނީ، ޕެންޝަން ލިބޭ މީހާގެ ނަމުގައި ހުޅުވާފައިވާ ކޮންމެވެސް އެއް ބޭންކް އެކައުންޓަކަށެވެ.
Copyright © 2010 Maldives Pension Administration Office
Ameenee Magu, Machan Goalhi 30379, Rep. of Maldives
Tel: +960 3309908 | Fax: +960 3307759 | Email: info@pension.gov.mv