ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް ގެނެވުނު އެއްވަނަ އިސްލާޙާ ގުޅިގެން ބިދޭސީ މުވައްޒަފުން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރި ކޮށް އެފަރާތްތަކަށް ޕެންޝަން ގެ ފައިސާ ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި 24 އެޕްރީލް 2011 އިން ފެށިގެން 1 އަހަރުގެ މުއްދަތު ވަނީ ޕެންޝަން އޮފީހަށް ދެވިފައެވެ. އަދި މަތީގައި ދެންނެވިފައިވާ ތާރީޚުން ފެށިގެން ބިދޭސީ މުވައްޒަފުން މި ސްކީމުގައި ބަރިވެރިކޮށް ސްކީމަށް ފައިސާދެއްކުން މަޖުބޫރުވާ ހާލަތުވަނީ ގިނަވެގެން 3 އަހަރަށް ފަސްކުރެވިފައެވެ. އެހެންކަމުން މިމުއްދަތުގައި ވަޒީފާދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ސްކީމަށް ފައިސާ ދައްކަމުން ގެންދިއުމަށް ނުވަތަ ފައިސާ ދެއްކުން މެދު ކަނޑާލުމުގު އިޚްތިޔާރު ވަނީ ދެވިފައެވެ.
މިގޮތުން ދެވުނު ފުރުސަތުގައި ވަޒީފާ ދޭ ގިނަ ފަރާތްތަކަކުން ވަނީ ބިދޭސީން ސްކީމަށް ފައިސާދެއްކުން މެދުކަނޑާލުމަށް ނިންމަވާފައެވެ. މިކަމާގުޅިގެން ރާއްޖޭ ދޫކޮށް ދާ ބިދޭސީންދަނީ އެފަރާތްތަކުން ޕެންޝަން ސްކީމަށް ޖަމާކޮށް ފައިވާ ފައިސާ ދޫކޮށް ދިނުމަށް އެެދެމުންނެވެ. އެހެން ނަމަވެސް ޕެންޝަން ލިބޭ އުމުރު (65 އަހަރު) ހަމަވުމުގެ ކުރިން ސްކީމަށް ޖަމާކުރެވިފައިވާ ފައިސާ ދޫކުރެވޭނެ ގޮތްތަކެއް އަދި ކަނޑައެޅިފައެއް ނެތެވެ.
އެހެންކަމުން އެކި ސަބުބަތަކާހެދި ރާއްޖެ ދޫކޮށްދާ ބޭރުގެ ފަރާތްތަކުގެ ތެރެއިން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ފައިސާދައްކަން ފަށާފައިވާ، އެހެން ނަމަވެސް ޕެންޝަން ލިބޭ އުމުރު (65 އަހަރު) ހަމަނުވާ ފަރާތްތަކާ ގުޅޭ ފުރިހަމަ މައުލޫމާތު މި އޮފީހަށް ބޭނުން ވެއެވެ. މިކަމަށްޓަކައި "މެމްބަރސް އިންފޮރމޭޝަން ޝީޓު" ގެ ނަމުގައި ޙާއްސަ ޝީޓެއް ތައްޔާރު ކުރެވި މި ޝީޓް ޕެންޝަން އޮފީހުންނާއި ޕެންޝަން އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ވީމާ، ރާއްޖެ ދޫކޮށް ދާ ބިދޭސީ މުވައްޒަފުން މި ދެންނެވި މައުލޫމާތު ޝީޓު ފުރިހަމަ ކޮށް ޕެންޝަން އޮފީހަށް ހުށަހަހެޅުމަށް ވަޒީފާދޭ ފަރާތް ތަކުން ބާރު އެޅުމަކީ މިއޮފީހުގެ ވަރަށް ބޮޑު އިލްތިމާސެކެވެ.
28 ޛުލްޤައިދާ 1432
26 އޮކްޓޯބަރ 2011
Copyright © 2010 Maldives Pension Administration Office
Ameenee Magu, Machan Goalhi 30379, Rep. of Maldives
Tel: +960 3309908 | Fax: +960 3307759 | Email: info@pension.gov.mv