ސުވާލާއި ޖަވާބު

1. އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަކީ ކޮބާ؟

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަކީ އުމުރުން 65 އަހަރުން މަތީގެ ދިވެހިރައްޔިތުންގެ ތެރެއިން އަންނަނިވި ޝަރުތުތައް ހަމަވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަނެކެވެ. ޝަރުތުތަކަކީ:

  • ދިވެހި ރައްޔިތެއް ކަމުގައި ވުން
  • މީލާދީ ގޮތުން އުމުރުން 65 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން
  • ދިވެހި ރާއްޖޭގައި ދިރިއުޅޭ މީހަކު ކަމުގައި ވުން
  • ދައުލަތުގެ ޚަރަދުގައި ފުލްޓައިމް ކޮށް ބަލަހައްޓަމުން ގެންދާ ނުވަތަ ކުށެއް ސާބިތުވުމުގެ ސަބަބުން ޖަލުގައި ބަލަހައްޓަމުން ގެންދާ މީހެއްކަމުގައި ނުވުން 
  • ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެވޭ އެހެން ޕެންޝަނަކުން 5000 ރުފިޔާ އަށްވުރެ މަތީ އަދަދެއް ލިބޭ މީހަކަށް ނުވުން
  • މޯލްޑީވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މަހަކު 10،000 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއް ލިބޭ މީހަކަށް ނުވުން

2. އަސާސީ ޕެންޝަންގެ ގޮތުގައި މިހާރު ދެވެނީ ކިހާވަރެއް؟

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު ހަތަރުވަނަ އިސްލާހާ ގުޅިގެން، 2019 މާރިޗު މަހުން ފެށިގެން އަސާސީ ޕެންޝަންގެ ގޮތުގައި ދެވެނީ 5000 ރުފިޔާއެވެ. 

3. އަސާސީ ޕެންޝަން ފިޔަވައި އެހެން ޕެންޝަން ސްކީމަކުން ޕެންޝަން ލިބޭ މީހެއްނަމަ އެމީހަކަށް އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭނީ ކިހާވަރެއް؟

އަސާސީ ޕެންޝަން ފިޔަވައި އެހެން ޕެންޝަން ސްކީމަކުން ޕެންޝަން ލިބޭ މީހެއް ނަމަ އެމީހަކަށް އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭނެ އަދަދު ހިސާބުކުރެވޭއިރު އެހެން ޕެންޝަން ސްކީމުތަކުން ލިބޭ ޕެންޝަނަށް ރިއާޔަތް ކުރެވޭނެއެވެ. 

އެގޮތުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ޕެންޝަން ލިބޭ މީހެއްނަމަ އަސާސީ ޕެންޝަން ހިސާބު ކުރާއިރު ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ލިބޭ އަދަދުގެ %50 އަސާސީ ޕެންޝަންގެ 5000 ރުފިޔާއިން އުނިކުރެވޭނެއެވެ. އަދި ހަމައެޔާއެކު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެވޭ  އެހެން ޕެންޝަނެއް ލިބޭ މީހެއްނަމަ އެ ޕެންޝަނުގެ ގޮތުގައި ލިބޭ އަދަދު (%100) އަސާސީ ޕެންޝަނުގެ 5000 ރުފިޔާއިން އުނިކުރެވޭނެއެވެ.

4. އަސާސީ ޕެންޝަނަށް އެދޭނީ ކޮންއިރަކު؟

މީލާދީ ގޮތުން އުމުރުން 65 އަހަރު ފުރުމުގެ 6 މަސް ކުރިން އަސާސީ ޕެންޝަނަށް އެދެވިދާނެއެވެ. އަދި އޭގެފަހުގެ ކޮންމެ ތާރީޚެއްގައި ވެސް އަސާސީ ޕެންޝަނަށް އެދެވިދާނެއެވެ. އުމުރުން 65 އަހަރު ފުރުމުގެ ކުރިން އަސާސީ ޕެންޝަން އެދި ފޯމު ހުށަހަޅާފައިވާނަމަ، އަސާސީ ޕެންޝަން ފޯރުކޮށް ދޭނީ ޕެންޝަން ލިބޭ އުމުރު ހަމަވާ މަހުން ފެށިގެންނެވެ.  އުމުރުން 65 އަހަރު ފުރުމުގެ ފަހުން އަސާސީ ޕެންޝަނަށް އެދި ފޯމު ހުށަހަޅައިފިނަމަ، އަސާސީ ޕެންޝަން ލިބޭނީ ފޯމު ހުށަހެޅި މަހުން ފެށިގެންނެވެ.

5. އަސާސީ ޕެންޝަނަށް އެދޭނީ ކިހިނެއް؟

އަސާސީ ޕެންޝަނަށް އެދޭނީ ޕެންޝަން އޮފީހުގެ ކޮށާރު ޕޯރޓަލް މެދުވެރިކޮށް ނުވަތަ ޕެންޝަނަށް އެދޭ ފޯމް ފުރިހަމަކޮށް އެ ފޯމު ޕެންޝަން އޮފީހަށް ހުށަހަޅައި ގެންނެވެ. މި ފޯމު ޕެންޝަން އޮފީހުގެ އީ މެއިލް ([email protected]) ނުވަތަ ވައިބަރ ނަންބަރު (7331441) ން ނުވަތަ ލޯކަލް ކައުންސިލްތަކުގެ އިދާރާތައް މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. ފޯމުގެ އަސްލު ޕެންޝަން އޮފީހަށް ފޮނުވުން ލާޒިމެއް ނޫނެވެ.

ކޮށާރު  ޕޯރޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާ ލިންކް:

https://members.pension.gov.mv

ޕެންޝަނަށް އެދޭ ފޯމު ޑައުންލޯޑް ކުރާ ލިންކް:

https://pension.gov.mv/forms

6. އަސާސީ ޕެންޝަންގެ ފައިސާ ދޫކުރަނީ ކިހިނެއް؟

އަސާސީ ޕެންޝަންގެ ފައިސާ ޖަމާކުރާނީ ޕެންޝަން އެދޭ ފޯމުގައި ޕެންޝަނަށް އެދޭ ފަރާތުން ދީފައިވާ ބޭންކު އެކައުންޓަށެވެ. މިއެކައުންޓަކީ ޕެންޝަން ލިބޭ މީހާގެ ނަން ހިމެނޭ ގޮތަށް ހުޅުވާފައިވާ ސިންގަލް ނުވަތަ ޖޮއިންޓް އެކައުންޓަކަށް ވާންވާނެއެވެ. އަދި، މިއެކައުންޓަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ދިވެހި ފައިސާގެ އެކައުންޓަކަށް ވެސް ވާން ޖެހޭނެއެވެ.

7. އަސާސީ ޕެންޝަން ލިބޭ އުމުރު (65 އަހަރު) ހަމަވުމަށް ފަހު ފޯމު ހުށަނާޅާ ފާއިތުވާ މުއްދަތުގެ ފައިސާ ދޫކުރާނެ ހެއްޔެވެ؟

1 ޖަނަވަރީ 2015 އިން ފެށިގެން ޕެންޝަނަށް ނޭދި ފާއިތުވާ މުއްދަތަށް ޕެންޝަނުގެ ފައިސާ ދޫކުރުން ވަނީ ހުއްޓާލާފައެވެ. މިތާރީޚުގެ ފަހުން، އުމުރުން 65 އަހަރު ފުރުމަށްފަހު ޕެންޝަނަށް އެދޭ ފަރާތްތަކަށް ޕެންޝަން ފައިސާ ފޯރުކޮށްދޭނީ ޕެންޝަނަށް އެދި ހުށަހަޅާ މަހުން ފެށިގެންނެވެ.

8. ޕެންޝަން ލިބޭފަރާތަކުން ޕެންޝަން އޮފީހަށް ދީފައިވާ ބޭންކް އެކައުންޓު ނުވަތަ އެނޫންވެސް މަޢުލޫމާތެއް ބަދަލުކުރަން ޖެހިއްޖެ ޙާލަތެއްގައި އަމަލުކުރާނީ ކިހިނެއް؟

ޕެންޝަން ލިބޭފަރާތަކުން ޕެންޝަން އޮފީހަށް ދީފައިވާ ބޭންކު އެކައުންޓު ބަދަލު ކުރުމަށް ހުށަހަޅާނީ  ޕެންޝަން އޮފިހުގެ ކޮށާރު ޕޯރޓަލް މެދުވެރިކޮށް ނުވަތަ  ''ބޭންކު އެކައުންޓު ބަދަލުކުރުމަށް އެދޭ ފޯމް'' މެދުވެރިކޮށެވެ. ބޭންކު އެކައުންޓާއި ގުޅޭ މައުލޫމާތު ފިޔަވައި އެހެން މަޢުލޫމާތުތައް ބަދަލުކުރުމަށް ހުށަހަޅާނީ ''މަޢުލޫމާތު ބަދަލުކުރަން އެދޭ ފޯމު'' މެދުވެރިކޮށެވެ. މިފޯމު މެދުވެރިކޮށް ހުށަހަޅާ މަޢުލޫމާތުތަކުގެ ތެރެއިން ޕެންޝަނަރުގެ މަޢުލޫމާތު ދޭނެ ފަރާތް ނުވަތަ "ކޮންޓެކްޓް ޕާރސަން"ގެ މައުލޫމާތު ބަދަލުކުރުމަށް ކޮށާރު ޕޯރޓަލް މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.   

ކޮށާރު ޕޯރޓަލް މެދުވެރިކޮށް ބޭންކު އެކައުންޓް ނުވަތަ އެހެނިހެން މަޢުލޫމާތު ބަދަލުކުރުމަށް ހުށަހަޅާ ލިންކް:

https://members.pension.gov.mv

ބޭންކު އެކައުންޓު ބަދަލުކުރުމަށް އެދޭ ފޯމު ޑައުންލޯޑް ކުރާ ލިންކް:

https://pension.gov.mv/forms

މައުލޫމާތު ބަލަދުކުރުމަށް އެދޭ ފޯމު ޑައުންލޯޑް ކުރާ ލިންކް:

https://pension.gov.mv/forms

9. ޕެންޝަނަށް އެދޭ ފޯމު ހުށަހެޅުމުން ޕެންޝަން ލިބެންފަށާނީ ކޮން އިރަކުން ފެށިގެންތޯ؟

ކޮންމެ މަހަކު 10 ވަނަ ދުވަހުގެ ކުރިން ލިބޭ ފޯމުތައް ނުވަތަ ކޮށާރު ޕޯރޓަލް މެދުވެރިކޮށް ޕެންޝަނަށް އެދޭ ފަރާތްތަކުގެ މައުލޫމާތު ޕްރޮސެސްކޮށް، ހުށަހެޅި މައުލޫމާތުގައި އެއްވެސް މައްސަލައެއް ނެތްނަމަ، އެމަހުގެ އެންމެ ފަހު ހަފްތާތެރޭގައި ޕެންޝަން ޖަމާކޮށްދެވޭނެއެވެ. 

ހުށަހެޅި މައުލޫމާތުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެކަން ޕެންޝަނަށް އެދިވަޑައިގަތް ފަރާތަށް ނުވަތަ އެފަރާތުގެ މައުލޫމާތުދެވޭނެ ފަރާތް ކަމުގައި ފޯމުގައި ލިޔެފައިވާ ފަރާތަށް އަންގާނެއެވެ. އަދި ފޯމު އިސްލާހުކުރަންވީ ކަންކަން އަންގައި އީ-މެއިލް ކުރާނެއެވެ.

10. އަސާސީ ޕެންޝަން ލިބޭ ފަރާތެއް ނިޔާވެއްޖެނަމަ އެކަން ޕެންޝަން އޮފީހަށް އަންގަންޖެހޭނެތޯ؟

ޕެންޝަން ލިބޭ ފަރާތެއް ނިޔާވެއްޖެނަމަ، އެފަރާތުގެ މަރުފޯމުގެ ކޮޕީ ވީހާވެސް އަވަހަކަށް ޕެންޝަން އޮފީހަށް ފޮނުވަންވާނެއެވެ. މިމަޢުލޫމާތު ޕެންޝަން އޮފިހުގެ ކޮށާރު  ޕޯރޓަލް (https://members.pension.gov.mv) ނުވަތަ ޕެންޝަން އޮފީހުގެ އީމެއިލް ([email protected]) ނުވަތަ ވައިބަރ ނަންބަރު (7331441) މެދުވެރިކޮށް ވެސް ހުށަހެޅޭނެއެވެ. 

ޕެންޝަން ލިބޭ ފަރާތް ނިޔާވެ އެކަން ނާންގަވާ އޮތުމުގެ ސަބަބުން ނިޔާވި ބޭފުޅާގެ އެކައުންޓަށް އިތުރަށް ޕެންޝަން ފައިސާ ޖަމާވެފައިވާނަމަ އެފައިސާ ޕެންޝަން އޮފީހަށް ހަވާލުކުރަން ޖެހޭނެއެވެ. މިކަމުގެ ޒިންމާ އަދާކުރަންޖެހޭނީ ނިޔާވި ފަރާތުގެ ވާރުތަ ވެރިންނެވެ. ނުވަތަ ބަލަދުވެރިންނެވެ.

1. މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރު.ޕީ.އެސް) އަކީ ކޮބާ؟

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރު.ޕީ.އެސް) އަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި، އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، ޕެންޝަން ލިބިދިނުމަށްޓަކައި ގާއިމް ކުރެވިފައިވާ ޑިފައިން ކޮންޓްރިބިއުޝަން ޕެންޝަން ސްކީމެކެވެ. 

މިޕެންޝަން ސްކީމް ހިންގަނީ ވަޒީފާދޭފަރާތާއި ވަޒީފާއަދާކުރާ ފަރާތުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކާ ފައިސާ އާއި އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާ އިންނެވެ.

2. ޑިފައިން ކޮންޓްރިބިއުޝަން ޕެންޝަން ސިސްޓަމަކީ ކޮބާ؟

ޑިފައިން ކޮންޓްރިބިއުޝަން ޕެންޝަން ސިސްޓަމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ މީހުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ޖަމާކޮށް އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާއިން ހިންގޭ ޕެންޝަން ސްކީމަކަށް ކިޔާނަމެކެވެ.

3. މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރު.ޕީ.އެސް) އަށް ކޮންޓރިބިއުޝަންގެ ގޮތުގައި ދައްކަން ޖެހެނީ ކިހާވަރެއް؟

ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފެއްގެ ނަމުގައި އެމް.އާރް.ޕީ.އެސް އަށް ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަން ޖެހޭނި މަދުވެގެން ކޮންމެ މަހަކުވެސް އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %14 (އެއީ ވަޒީފާދޭފަރާތުން ދައްކާ %7 އާއި ވަޒީފާ އަދާކުރާ ފަރާތުން ދައްކާ %7) އެވެ.

4. ޕެންޝަން ސްކީމަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުމަށް ބަލާ މުސާރަ (ޕެންޝަނަށް ބަލާ މުސާރަ) އަކީ ކޮބާ؟

މުވައްޒަފެއްގެ ޕެންޝަނަށް ބަލާ މުސާރައަކީ އެމީހެއްގެ އަސާސީ މުސާރައެވެ. އަސާސީ މުސާރައަކީ ވަޒީފާގެ އެއްބަސްވުމުގައި އަސާސީ މުސާރަކަމަށް ބަޔާން ކޮށްފައިވާ ދިވެހި ރުފިޔާގެ އަދަދެވެ.

5. ވަޒީފާގެ ބަޔާނުގައި އަސާސީ މުސާރަ ކަނޑައެޅިފައި ނެތްނަމަ ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމަށްޓަކައި އަމަލު ކުރާނީ ކިހިނެތް؟

ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓު ޕެންޝަން ސްކީމުގެ ގަވާއިދުގެ ދަށުން ޕެންޝަން ސްކީމަށް ދެއްކުމަށް މުސާރައިން އުނިކުރާ މިންވަރު ވަޒީފާގެ ބަޔާނުގައި  ހިމަނަންޖެހެއެވެ. އެހެންކަމުން ވަޒީފާގެ ބަޔާނުގައި އަސާސީ މުސާރައެއް ކަނޑައެޅިފައި އޮތުމަކީ ލާޒިމު ކަމެކެވެ. 

6. މަހު މުސާރައަކީ ކޮބާ؟

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މަޤްޞަދަށްޓަކައި "މަހު މުސާރަ" އަކީ ކޮންމެ މަހަކު އެއްފަހަރު ދެވޭ މުސާރަޔަށް ނުވަތަ މުވައްޒަފަކަށް މުސާރަދޭއިރު ކޮންމެ ދުވަހަކަށް މުސާރަދެވޭނަމަ އެ މުސާރަ މަހަކަށް ހިސާބުކުރުމުން ޖެހޭ މުސާރަޔަށް، ނުވަތަ ކޮންމެ ހަފުތާއަކުން މުސާރަދެވޭނަމަ އެމުސާރަ، މަހަކަށް ހިސާބުކުރުމުން ޖެހޭ މުސާރަޔަށް، ނުވަތަ މިނޫންވެސް އުސޫލަކުން ދެވޭ މުސާރަ މަހަކަށް ހިސާބުކުރުމުން ޖެހޭ މުސާރައެވެ.

7. މުވައްޒަފެއް ނުވަތަ ވަޒީފާ އަދާކުރާ މީހެއް ކަމުގައި ބެލެވެނީ ކޮން ފަރާތްތަކެއް؟

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މަޤްޞަދަށްޓަކައި "ވަޒީފާ އަދާކުރާ ފަރާތް" ނުވަތަ "މުވައްޒަފު" ކަމަށް މާނަ ކުރެވެނީ، ވަޒީފާދޭ ފަރާތުން އުޖޫރަދޭ އަދި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީވާން ޖެހޭގޮތަށް މަސައްކަތްކުރާ ނުވަތަ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނިގެން މަސައްކަތްކުރާ ކޮންމެ ފަރުދަކަށެވެ. މި މާނަކުރުމުގައި ވަގުތީ މުވައްޒަފުންނާއި ކޮންޓްރެކްޓް މުވައްޒަފުންވެސް ހިމެނެއެވެ. 

ކުންފުނިތަކާއި އަމިއްލަ މުއައްސަސާ ތަކުގެ ވެރިންނާއި ބޯޑު ޑައިރެކްޓަރުން މުސާރައެއް ނުވަތަ އުޖޫރައެއް ނަގާނަމަ، ބެލެވޭނި ކުންފުނީގެ މުވައްޒަފުންގެ ގޮތުގައެވެ. އެހެންކަމުން އެފަދަ ފަރާތްތަކުންވެސް ޕެންޝަން ސްކީމުގައި ބައިވެރިވެ ޕެންޝަނަށް ކޮންޓްރިބިއުޝަން ދައްކަންޖެހޭނެއެވެ.

8. އެމް.އާރް.ޕީ.އެސްގައި ބައިވެރިވާންޖެހޭ ފަރާތްތަކަކީ ކޮބާ؟

ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުން 16 އަހަރާ 65 ދެމެދުގެ ހުރިހާ ދިވެހިންނާއި ވަޒީފާދޭ ފަރާތްތަކުން މިސްކީމުގައި ބައިވެރިވުމަކީ ލާޒިމް ކަމެކެވެ.

9. އެމް.އާރް.ޕީ.އެސް ގައި ބައިވެރިވުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކަކީ ކޮބާ؟

ވަޒީފާއަދާކުރާ މީހެއްނަމަ އެމީހަކު ޕެންޝަން ސްކީމުގައި ރަޖިސްޓްރީކޮށް ކޮންޓްރިބިއުޝަން ދެއްކުމަށް އިދާރީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނީ ވަޒީފާދޭ ފަރާތުންނެވެ. އަމިއްލަ މަސައްކަތް ކުރާ މީހެއްނަމަ ޕެންޝަން މޯބައިލް އެޕް ނުވަތަ މެންބަރސް ޕޯރޓަލް މެދުވެރިކޮށް ސްކީމުގައި ބައިވެރިވެ ކޮންޓްރިބިއުޝަން ދެއްކޭނެއެވެ.

10. ޕެންޝަން ފައިސާ އިންވެސްޓް ކުރުމުގެ ޒިންމާ އަދާ ކުރަނީ ކޮން ފަރާތަކުން؟

މިވަގުތު ޕެންޝަން އެސެޓް އިންވެސްޓް ކުރުމުގެ ޒިންމާ އަދާކުރާ ފަރާތަކީ ޕެންޝަން އޮފީހެވެ. މިކަމަށްޓަކައި އެސެޓް މެނޭޖަރުން އައްޔަން ކުރުމުގެ އިޚްތިޔާރުވެސް ޕެންޝަން އޮފީހަށް ލިބިގެންވެއެވެ.

11. ޕެންޝަން އެސެޓް އިންވެސްޓް ކުރެވޭ ގޮތް ބެލުމަކީ ކޮން ފަރާތެއްގެ މަސްއޫލިއްޔަތެއް؟

ޕެންޝަން އެސެޓް އިންވެސްޓް ކުރެވޭ ގޮތް ބެލުމަކީ ޕެންޝަން އޮފީހުގެ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތެކެވެ. މީގެ އިތުރުން ޕެންޝަން އެސެޓްސް އިންވެސްޓް ކުރެވޭ ގޮތާއި، އިންވެސްޓްމަންޓްތަކުގެ ޕާރފޯމަންސް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ގާއިމުކުރެވިފައިވާ ޕެންޝަން ސުޕަރވިޝަން ޑިޕާރޓްމަންޓުން ވެސް ބަލަމުންދާނެއެވެ.

12. ޕެންޝަން އެސެޓް އިންވެސްޓް ކުރެވެނީ ކޮން ގޮތަކަށް؟

ޕެންޝަން އެސެޓް އިންވެސްޓް ކުރެވެނީ ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން، މިސްކީމުގެ ބައިވެރިންނަށާއި ބެނެފިޝަރީންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނެ ގޮތެއްގެ މަތިންނެވެ. 

13. ޕެންޝަން އެސެޓް އިންވެސްޓް ކުރެވެނީކޮންކޮން ތަންތަނެއްގައި؟

ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން އެސެޓް އިންވެސްޓް ކުރެވެނީ (1) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ލައިސަންސް ލިބިގެން ހިންގާ ބޭންކް ޑިޕޮސިޓާއި (2) ސަރުކާރުން ގެރެންޓީ ކޮށްފައިވާ މިންވަރަކަށް ސަރުކާރުގެ ފަރާތުން ދޫކުރާ ސެކިއުރިޓީސްއާއި (3) ލައިސަންސް ލިބިގެން ހިންގޭ ސްޓޮކް އެކްސްޗޭންޖެއްގައި ރަސްމީކޮށް ވިއްކަމުންގެންދާ ވިޔަފާރިތަކުގެ ސެކިއުރިޓީސްއާއި (5) ދިވެހިރާއްޖޭގައި ހުއްދަލިބިގެން ހިންގޭ މިއުޗުއަލް ފަންޑާއި އިންވެސްޓްމަންޓް ފަންޑްތަކުގައެވެ. 

14. ޕެންޝަން އެސެޓްތައް އިންވެސްޓް ކުރުމުގައި ޕެންޝަން އޮފީހުގެ ޑިރެކްޓަރުންގެ ބޯޑުން ބަލަންޖެހޭ މައިގަނޑު ކަންކަމަކީ ކޮބާ؟

ޕެންޝަން އެސެޓްތައް އިންވެސްޓް ކުރުމުގައި ޕެންޝަން އޮފީހުގެ ޑިރެކްޓަރުންގެ ބޯޑުން އަންނަނިވި ކަންތައްތަކަށް ބަލަންޖެހެއެވެ.

  • އެސެޓްގެ ރައްކާތެރިކަން
  • އިންވެސްޓްމަންޓްތަކުގެ ޑައިވަރސިޓީ
  • އެސެޓް ގެ ރައްކާތެރިކަމަށް ބަލާއިރު އެންމެ ފައިދާބޮޑު އެސެޓްސް ތަކުގައި އިންވެސްޓް ކުރުން.
  • އެކަށީގެންވާ މިންވަރަކަށް ލިކުއިޑިޓީ ދެމެހެއްޓުން

15. ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކާ ފައިސާގެ ރައްކާތެރިކަމާ މެދު އޮތީ ކިހާވަރެއްގެ ޔަގީން ކަމެއް؟

ޕެންޝަން އޮފީހުގެ ބޯޑުގެ އިތުރުން ސްކީމް ހިންގުމުގެ ނުވަތަ ޕެންޝަން އެސެޓް މެނޭޖް ކުރުމާއި ތަސައްވަރުކުރުމުގެ އިޚްތިޔާރުލިބިފައިވާ ކޮންމެފަރާތަކީ މިޤާނޫނުގެ ދަށުން ސްކީމް ގެ ބެނެފިޝަރީންގެ ކުރިމަތީގައި ފައިޑިއުޝަރީންކަމުގައި ބެލެވޭނެ އެވެ. އަދި ޕެންޝަން އެސެޓް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކަސްޓޯޑިއަނުން އައްޔަން ކުރުމުގެ އިތުރަށް ޕެންޝަން އެސެޓް އިންވެސްޓް ކުރެވެމުން ދަނީ ޕެންޝަން ގާނޫނާއި، ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް އާ އެއްގޮތައްތޯ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން ބަލަމުންގެންދާނެއެވެ.

މިގޮތުން ޕެންޝަން އޮފީހާއި ޕެންޝަން އެސެޓް ގެ ކަސްޓޯޑިއަނުން ގެ މަސައްކަތްތައް ދާ ގޮތް ބެލުމުގެ އިޚްތިޔާރު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ލިބިގެން ވެއެވެ. މީގެ އިތުރުން އަހަރަކު އެއްފަހަރު އޮޑިޓް ކޮށްފައިވާ އަހަރީ ހިސާބު ޕެންޝަން އޮފީހުން ޢާންމުކޮށް ޝާއިއު ކުރަންޖެހެއެވެ.

16. ޕެންޝަން ފައިސާ އިންވެސްޓް ކުރުމަށް ހެދިފައިވާ ޕޯރޓްފޯލިއޯ ތަކަކީ ކޮބާ؟

އެމް.އާރު.ޕީ.އެސް އަށް ޖަމާކުރެވޭ ފައިސާ އިންވެސްޓް ކުރުމަށްޓަކައި ޝަރީއާ ފަންޑަކާއި އިންވެސްޓްމަންޓް ފަންޑެއް ޤާއިމް ކުރެވި ތަފާތު ދެގޮތަކަށް އިންވެސްޓް ކުރެވެއެވެ. މިގޮތުން ޝަރީއާ ފަންޑުގެ މެންބަރުންގެ ފައިސާ އިންވެސްޓް ކުރެވެނީ ހަމައެކަނި ޝަރީއާގެ ޢުޞޫލުތަކާ އެއްގޮތްވާ ގޮތަށް ފަރުމާ ކުރެވިފައިވާ އިންސްޓްރޫމަންޓަތަކުގައެވެ. އަދި އިންވެސްޓްމަންޓް ފަންޑުގެ މެންބަރުންގެ ފައިސާ އިންވެސްޓް ކުރެވެމުން ދަނީ ކޮންވެންޝަނަލް މާލީ އިންސްޓްރޫމަންޓްތައް ކަމުގައިވާ ޓީބިލާއި، ބޮންޑާއި، ބޭންކް ޑެޕޮސިޓް އަދި ކުންފުނިތަކުގެ ހިއްސާގައެވެ. އިންވެސްޓްމަންޓް ޕޯރޓްފޯލިއޯ ގައި އިންވެސްޓް ކުރާ މެންބަރުންނަށް ޕެންޝަން ލިބޭ އުމުރު ހަމަވުން އެމީހުންގެ ފައިސާ އިންވެސްޓްކުރެވޭނީ ކޮންޒަވެޓިވް ޕޯރޓްފޯލިއޯގައެވެ. އަދި ޝަރީއާ ފަންޑުގެ މެންބަރުންނަށް ޕެންޝަން ލިބޭ އުމުރު ހަމަވުން އެމީހުންގެ ފައިސާ އިންވެސްޓް ކުރެވެނީ ޝަރީޢާ ކޮންޒަވެޓިވް ޕޯރޓްފޯލިއޯގައެވެ. 

17. ޕެންޝަން ފައިސާ އިންވެސްޓްކުރެވޭ ޕޯރޓފޯލިއޯ ބަދަލު ކުރާނީ ކިހިނެއް؟

ޕެންޝަން ފައިސާ އިންވެސްޓްކުރެވޭ ޕޯރޓފޯލިއޯ ބަދަލުކުރުމަށް ހުށަހަޅާނީ ޕެންޝަން އޮފީހުގެ މެންބަރސް ޕޯރޓަލް މެދުވެރިކޮށް ނުވަތަ ޕޯރޓްފޯލިއޯ ބަދަލުކުރުމަށް އެދޭ ފޯމު މެދުވެރިކޮށެވެ. 

މެންބަރސް ޕޯރޓަލް މެދުވެރިކޮށް ޕޯރޓްފޯލިއޯ ބަދަލުކުރުމަށް ހުށަހަޅާ ލިންކް:

https://members.pension.gov.mv

ޕޯރޓްފޯލިއޯ ބަލަދުކުރުމަށް އެދޭ ފޯމު ޑައުންލޯޑް ކުރާ ލިންކް:

https://pension.gov.mv/forms

18. ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ފައިސާގެ ތަފްސީލް އެނގޭނީ ކިހިނެއް؟

ޕެންޝަން އޮފީހުގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގެ ތަފްސީލް ބެލޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގެ ޚުލާސާ ޕްރިންޓް ކުރެވިފާ ސްޓޭޓްމަންޓެއްގެ ގޮތުގައި ބޭނުންފުޅުވާނަމަ، ޕެންޝަން އޮފީހުގެ ވެބްސައިޓުން އަދި މޯބައިލް އެޕުން ޑައުންލޯޑުކުރެވޭނެއެވެ. 

އަދި ޕެންޝަން އޮފީހަށް އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުމުން، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގެ ތަފްސީލް ޕްރިންޓް ކުރެވިފާ ސްޓޭޓްމަންޓުގެ ގޮތުގައި ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. އަމިއްލަފުޅަށް ވަޑައިނުގެންނެވޭނެނަމަ ސްޓޭޓްމަންޓް ކަނޑައެޅޭ ވަކި ފަރާތަކާ ހަވާލުކުރުމަށް ސިޓީއަކުން ހުށަހެޅިދާނެއެވެ.

މެންބަރސް ޕޯރޓަލް މެދުވެރިކޮށް ސްޓޭޓްމަންޓް ބެލުމަށް ބޭނުންކުރާ ލިންކް:

https://members.pension.gov.mv

މޯބައިލް އެޕްލިކޭޝަންގެ ލިންކް: 

އެންޑްރޮއިޑް https://play.google.com/store/apps/details?id=mv.gov.pension.app&hl=en&gl=US

އައިއޯއެސް https://apps.apple.com/ae/app/mpao-mobile-app/id1003636891

19. ރިޓަޔަރމަންޓް ޕެނަޝަން ސްކީމުގެ ދަށުން ސްކީމުގެ ބައިވެރިއަކަށް ލިބޭނެ ފައިސާގެ މިންވަރު ކަނޑައަޅާނީ ކިހިނެތް؟

ޕެންޝަނަށް ބަލާ އުމުރު ހަމަވުމުން ރިޓަޔަރމަންޓް ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު ލިބޭނެ ފައިސާގެ އަދަދު ބިނާވާނީ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ފައިސާއެއްގެ މައްޗަށެވެ.

މިގޮތުން އިންތިގާލީ މަރުހަލާގައި ސްކީމް ގެ ބައިވެރި އަކަށް މަހެއްގެ މައްޗަށް ލިބޭނެ ޢަދަދަކީ އެމީހެއްގެ އުމުރުން 65 އަހަރު ވާއިރު އެމީހެއްގެ ރިޓަރަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ފައިސާ، 14 އަހަރަށް ބަހާލުމުން މަހެއްގެ މައްޗަށް ޖެހޭ އަދަދެކެވެ. އެހެންނަމަވެސް އެ އަދަދު 5000 ރުފިޔާއަށްވުރެ މަދުނަމަ، 14 އަހަރަށް ބަހާލުމުން މަހެއްގެ މައްޗަށް ޖެހޭ އަދަދުގެ ތެރެއަށް އިތުރުކޮށްގެން، ރިޓަޔަރމަންޓު ޕެންޝަނުގެ ގޮތުގައި ދޫކުރާނީ 5000 ރުފިޔާއެވެ. މި ހާލަތުގައި 14 އަހަރު ވުމުގެ ކުރިން ޕެންޝަނަށް ޖަމާކުރި ފައިސާ ހުސްވާނެއެވެ.

20. ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ވާ ފައިސާ ދޫކުރަނީ ކިހިނެތް؟

ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ދޫކުރާނީ އުމުރުން 65 އަހަރު ވުމުން، ނުވަތަ އަރލީ ޕެންޝަން ވިތްޑްރޯވަލް އަށް ޝަރުތު ހަމަވެ ޕެންޝަނަށް އެދި ހުށަހެޅުމުން މަހުންމަހަށް ލިބޭ ޕެންޝަންގެ ގޮތުގައެވެ. 

ފަރުޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުނުން ކުރުމަށް ޝަރުތު ހަމަވާނަމަ، އެކަމަށް ޕެންޝަން ފައިސާ ދޫކުރަން އޮންނަ އުސޫލުގެ ދަށުންވެސް ޕެންޝަން ފައިސާ ދޫކުރާނެވެ.

21. ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ގެދޮރުގަތުމަށް ބޭނުންކުރެވެނީ ކިހިނެއް؟

ގެދޮރު ގަތުމަށް ބޭންކުން ނަގާލޯނުގެ ޑައުންޕޭމަންޓުގެ ގޮތުގައި ރިޓަޔަރމަންޓް ސޭވިނގް އެކައުންޓުގައިވާ ފައިސާ ކޮލެޓްރަލައިޒް ކުރެވިދާނެއެވެ.

22. އަރލީ ޕެންޝަން ވިތްޑްރޯވަލް ނުވަތަ 55 އަހަރުގައި ޕެންޝަނަށް އެދެވިދާނެ ހާލަތްތަކަކީ ކޮބާ؟

އަރލީ ޕެންޝަން ވިތްޑްރޯވަލް ނުވަތަ 55 އަހަރުގައި ޕެންޝަނަށް އެދެވޭނީ އުމުރުން 55 އަހަރު ފުރުމަށް ފަހު އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގައި ހުރި ޖުމްލަ ޢަދަދު އެއިރެއްގެ ލައިފް އެކްސްޕެކްޓަންސީ އަށް ބިނާ ކޮށް ބަހާލުމުން މަހެއްގެ މައްޗަށް ޖެހޭ ޢަދަދަކީ އެއިރެއްގައި ދެވޭ އަސާސީ ޕެންޝަން ގެ ދެގުނަ އަށް ވުރެ ބޮޑު ޢަދަދަކަށް ވާނަމަ އެވެ.

މިވަގުތު މި ޝަރުތު ހަމަވާނީ ރިޓަރަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި 2.64 މިލިއަން ރުފިޔާ ހުރިނަމައެވެ.

ޕެންޝަން ކަލްކިއުލޭޓަރ ލިންކު:

https://members.pension.gov.mv/members/tools/calculator

23. ރިޓަޔަރމަންޓް ޕެންޝަނަށް އެދި ހުށަހަޅާނީ ކިހިނެއް؟

ރިޓަޔަރމަންޓް ޕެންޝަނަށް އެދޭނީ ޕެންޝަން އޮފިހުގެ މެންބަރސް ޕޯރޓަލް މެދުވެރިކޮށް ނުވަތަ ޕެންޝަނަށް އެދޭ ފޯމް ފުރިހަމަކޮށް އެ ފޯމު ޕެންޝަން އޮފީހަށް ހުށަހަޅައި ގެންނެވެ. މި ފޯމު ޕެންޝަން އޮފީހުގެ އީމެއިލް ([email protected]) ނުވަތަ ވައިބަރ ނަންބަރު (7331441) ނުވަތަ  ލޯކަލް ކައުންސިލްތަކުގެ އިދާރާތައް މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. ފޯމުގެ އަސްލު ޕެންޝަން އޮފީހަށް ފޮނުވުން ލާޒިމެއް ނޫނެވެ. 

މެންބަރސް ޕޯރޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާ ލިންކް:

https://members.pension.gov.mv

ޕެންޝަނަށް އެދޭ ފޯމު ޑައުންލޯޑް ކުރާ ލިންކް:

https://pension.gov.mv/forms

24. ރިޓަޔަރމަންޓް ޕެންޝަންގެ ފައިސާ ދޫކުރަނީ ކިހިނެއް؟

ރިޓަޔަރމަންޓް ޕެންޝަންގެ ފައިސާ ޖަމާކުރާނީ ޕެންޝަން އެދޭ ފޯމުގައި ޕެންޝަނަށް އެދޭ ފަރާތުން ދީފައިވާ ބެންކު އެކައުންޓަށެވެ. މިއެކައުންޓަކީ ޕެންޝަން ލިބޭ މީހާގެ ނަން ހިމެނޭ ގޮތަށް ހުޅުވާފައިވާ ސިންގަލް ނުވަތަ ޖޮއިންޓް އެކައުންޓަކަށް ވާންވާނެއެވެ. އަދި، މިއެކައުންޓަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ދިވެހި ފައިސާގެ އެކައުންޓަކަށް ވެސް ވާން ޖެހޭނެއެވެ.

25. ރިޓަޔަރމަންޓް ޕެންޝަން ލިބޭ އުމުރު ހަމަވުމަށް ފަހު ފޯމު ހުށަނާޅާ ފާއިތުވާ މުއްދަތުގެ ފައިސާ ދޫކުރާނެ ހެއްޔެވެ؟

ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރާ ފުރަތަމަ މަހު ޕެންޝަން ލިބޭ އުމުރު ހަމަވުމަށްފަހު ޕެންޝަނަށް ނޭދި ފާއިތުވާ މުއްދަތުގެ ފައިސާ އެއްކޮށް ޖަމާކޮށްދެވޭނެއެވެ.

26. ޕެންޝަން ލިބޭފަރާތަކުން ޕެންޝަން އޮފީހަށް ދީފައިވާ ބޭންކް އެކައުންޓް ނުވަތަ އެނޫންވެސް މަޢުލޫމާތެއް ބަދަލުކުރަން ޖެހިއްޖެ ޙާލަތެއްގައި އަމަލުކުރާނީ ކިހިނެއް؟

ޕެންޝަން ލިބޭފަރާތަކުން ޕެންޝަން އޮފީހަށް ދީފައިވާ ބޭންކް އެކައުންޓް ބަލަދުކުރުމަށް ހުށަހަޅާނީ  ޕެންޝަން އޮފިހުގެ މެންބަރސް ޕޯރޓަލް މެދުވެރިކޮށް ނުވަތަ  ''ބޭންކު އެކައުންޓް ބަދަލުކުރުމަށް އެދޭ ފޯމް'' މެދުވެރިކޮށެވެ. ބެންކު އެކައުންޓާ ގުޅޭ މައުލޫމާތު ފިޔަވައި އެހެން މަޢުލޫމާތުތައް ބަދަލުކުރުމަށް ހުށަހަޅާނީ ''މަޢުލޫމާތު ބަދަލުކުރަން އެދޭ ފޯމު'' މެދުވެރިކޮށެވެ. މިފޯމު މެދުވެރިކޮށް ހުށަހަޅާ މަޢުލޫމާތުތަކުގެ ތެރެއިން ޕެންޝަނަރުގެ މަޢުލޫމާތު ދޭނެ ފަރާތް ނުވަތަ ކޮންޓެކްޓް ޕާރސަންގެ މައުލޫމާތު ބަދަލުކުރުމަށް މެންބަރސް ޕޯރޓަލް މެދުވެރިކޮށް މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.  

މެންބަރސް ޕޯރޓަލް މެދުވެރިކޮށް ބޭންކު އެކައުންޓް ނުވަތަ އެހެނިހެން މަޢުލޫމާތު ބަދަލުކުރުމަށް ހުށަހަޅާ ލިންކް:

https://members.pension.gov.mv

ބޭންކް އެކައުންޓް ބަލަދުކުރުމަށް އެދޭ ފޯމު ޑައުންލޯޑް ކުރާ ލިންކް:

https://pension.gov.mv/forms

މައުލޫމާތު ބަލަދުކުރުމަށް އެދޭ ފޯމު ޑައުންލޯޑް ކުރާ ލިންކް:

https://pension.gov.mv/forms

27. ޕެންޝަނަށް އެދޭ ފޯމު ހުށަހެޅުމުން ޕެންޝަން ލިބެންފަށާނީ ކޮން އިރަކުން ފެށިގެންތޯ؟

ކޮންމެ މަހަކު 5 ވަނަ ދުވަހުގެ ކުރިން ލިބޭ ފޯމުތައް ޕްރޮސެސްކޮށް, އެއްވެސް މައްސަލައެއް ނެތް ފޯމުތަކުގެ ވެރިންނަށް، އެމަހުގެ އެންމެ ފަހު ހަފްތާތެރޭގައި ޕެންޝަން ޖަމާކޮށްދެވޭނެއެވެ. 

އެއްވެސް މައްސަލައެއް ފާހަގަވެއްޖެނަމަ އެކަން ޕެންޝަނަށް އެދިވަޑައިގަތް ފަރާތަށް ނުވަތަ އެފަރާތުގެ މައުލޫމާތުދެވޭނެ ފަރާތް ކަމުގައި ފޯމުގައި ލިޔެފައިވާ ފަރާތަށް އަންގާނެއެވެ. އަދި ފޯމު އިސްލާހުކުރަންވީ ކަންކަން އަންގައި އީމެއިލް ކުރާނެއެވެ.

28. ޕެންޝަން ލިބޭ ފަރާތެއް ނިޔާވެއްޖެނަމަ އެކަން ޕެންޝަން އޮފީހަށް އަންގަންޖެހޭނެތޯ؟

ޕެންޝަން ލިބޭ ފަރާތެއް ނިޔާވެއްޖެނަމަ، އެފަރާތުގެ މަރުފޯމުގެ ކޮޕީ ވީހާވެސް އަވަހަކަށް ޕެންޝަން އޮފީހަށް ފޮނުވަންވާނެއެވެ. މިމަޢުލޫމާތު ޕެންޝަން އޮފިހުގެ މެންބަރސް ޕޯރޓަލް (https://members.pension.gov.mv) ނުވަތަ އީމެއިލް ([email protected]) ނުވަތަ ވައިބަރ ނަންބަރު (7331441) މެދުވެރިކޮށް ވެސް ހުށަހެޅޭނެއެވެ. އަދި ޕެންޝަން ލިބޭ ފަރާތް ނިޔާވެ އާއިލާއިން އެކަން ޕެންޝަން އޮފީހަށް ނާންގާ އޮތުމުގެ ސަބަބުން ނިޔާވި ބޭފުޅާގެ އެކައުންޓަށް އިތުރަށް ޕެންޝަން ފައިސާ ޖަމާވެފައިވާނަމަ އެފައިސާ ޕެންޝަން އޮފީހަށް ހަވާލުކުރަން ޖެހޭނެއެވެ. މިކަމުގެ ޒިންމާ އަދާކުރަންޖެހޭނީ ނިޔާވި ފަރާތުގެ ވާރުތަ ވެރިންނެވެ. ނުވަތަ ބަލަދުވެރިންނެވެ.

29. ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިޔަކު ނިޔާވެއްޖެނަމަ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ވާ ފައިސާ އަށް ވާނި ކިހިނެއް؟

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިޔަކު ނިޔާވެއްޖެނަމަ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ވާ ފައިސާ ޝަރުޢީ ކޯޓުގެ މެދުވެރިކޮށް އެމީހެއްގެ ވާރިސްނުނާއި ހަވާލުކުރެވޭނެއެވެ. 

މިފައިސާ ހޯދުމަށް ނިޔާވި ފަރާތުގެ ވާރިސުންނަށް ކޯޓަށް ހުށަހެޅިދާނެއެވެ. ސްކީމުގެ މެންބަރަކު ނިޔާވުމަށްފަހު އެމީހެއްގެ އެކައުންޓުގެ ތަފްސީލުވެސް އެމީހެއްގެ ވާރިސުންނާއި ހިއްސާކުރާނީ ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު ކޯޓުމެދުވެރިކޮށެވެ.

1. އެކްރޫޑް ޕެންޝަން ރައިޓްސްއަކީ ކޮބާ؟

އެކްރޫޑް ޕެންޝަން ރައިޓްސްއަކީ ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤުވުމުގެ ކުރިން، ޕެންޝަން ނުވަތަ ރިޓަޔަރމަންޓް ބެނެފިޓެއް ދިނުމަށް ކަނޑައެޅިފައިވާ ވަކި އުޞޫލެއްގެ ދަށުން އުމުރުން 65 އަހަރުނުވާ މުވައްޒަފުންނަށް ދެވުނު އިނާޔަތްތަކެވެ.

2. އެކްރޫޑް ޕެންޝަން ރައިޓްސް ދިނީ ކޮން ބަޔަކަށް؟

އެކްރޫޑް ޕެންޝަން ރައިޓްސް ދީފައިވަނީ، 13 މެއި 2009 ގައި ދައުލަތުގެ ވަޒީފާގައި ތިބި މީހުންގެ ތެރެއިން އެތާރީޚާ ހަމަޔަށް އުމުރުން 65 އަހަރު ނުފުރޭ  މީހުންނަށެވެ.

3. އެކްރޫޑް ޕެންޝަން ރައިޓްސްގެ ގޮތުގައި ލިބޭ މިންވަރު ހިސާބު ކުރަނީ ކިހިނެއް؟

އެކްރޫޑް ޕެންޝަން ރައިޓްސް ހިސާބުކުރާނީ ތިރީގައި މިވާ ފޯމިއުލާ ބޭނުން ކޮށްގެންނެވެ.

އެކްރޫޑް ޕެންޝަން ރައިޓްސްގެ ގޮތުގައި ލިބޭ މިންވަރަކީ = 

13 މެއި 2009 ގައި ލިބުނު އަސާސީ މުސާރަ %93 × %14 × 30 އެޕްރިލް 2010 ގެ ނިޔަލަށް ޙިދުމަތް ކުރި މުއްދަތު 

13 މެއި 2009ގައި ލިބުނު އަސާސީ މުސާރައިގެ އެންމެ މަތީމިންވަރެއްކަމުގައި ބަލާނީ -/20500 ރުފިޔާއެވެ.

1. ގެދޮރު ގަތުމަށް ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭނީ ކިހިނެއް؟

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ތެރެއިން ގެދޮރު ގަތުމަށްޓަކައި ރާއްޖޭގެ މާލީ މުއައްސަސާއަކުން ލޯނު ނެންގެވުމަށް ހުށަހަޅުއްވައި, ލޯނު ހަމަޖެހިފައިވާ ފަރާތްތަކަށް އެލޯނުގެ ޑައުންޕޭމަންޓް ދެއްކުމުގެ ބަދަލުގައި، ޕެންޝަން ފައިސާ ރަހުނެއްގެ ގޮތުގައި ބަހައްޓިދާނެއެވެ. މިގޮތުން އިމާރާތް ގަތުމަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި މާލީ މުއައްސަސާއަކުން ދޫކުރަނީ ޕެންޝަން ފައިސާ ކޮލެޓެރަލެއްގެ ގޮތުގައި ބެހެއްޓުމަށްފަހު އެވެ.

2. ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވެނީ ކޮން ކަހަލަ އިމާރާތެއް ގަތުމަށް؟

ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭނީ އިމާރާތްކޮށް ނިންމައި، އާންމުކޮށް ހުޅުވާލައިގެން ވިއްކާ ގެ، އެޕާރޓްމަންޓް، ރޯހައުސް ފަދަ އާންމު ދިރިއުޅުމަށް ވިއްކާ އިމާރާތްތައް ގަތުމަށެވެ.

3. ގެދޮރު އިމާރާތް ކުރުމަށް ނަގާ ލޯނުގެ ޑައުންޕޭމަންޓް ދެއްކުމަށް މި ސްކީމުން ފުރުސަތު ލިބޭނެތޯ؟

މިވަގުތު ހަމަޖެހިފަ އޮތް އުސޫލުގެ ދަށުން މި ސްކީމުގެ ދަށުން ފުރުސަތު ހުޅުވާ ލެވިފައިވަނީ  އާންމުކޮށް ހުޅުވާލައިގެން ވިއްކާ އިމާރާތް ގަތުމަށްޓަކައި ބޭންކުން ނެގޭ ލޯނުތަކަށް އެކަންޏެވެ.

4. މި ސްކީމުގެ ދަށުން ދިވެހި ރާއްޖޭގެ ކޮންމެ ސަހަރަހައްދަކުން ވެސް ގޮދޮރުގަތުމަށް ފުރުސަތު އޮންނާނެތޯ؟

ދިވެހިރާއްޖޭގެ ކޮންމެ ސަރައްދަކުންވެސް އާންމުކޮށް ހުޅުވާލައިގެން ވިއްކާ އިމާރާތްތައް ގަތުމަށް ބޭންކުން ލޯނެއް ނަގާނަމަ, ލޯނުގެ ޑައުންޕޭމަންޓުގެ ބަދަލުގައި މި ސްކީމުގެ ދަށުން ޕެންޝަން ފައިސާ ރަހުނު ކުރެވިދާނެއެވެ.

5. މި ސްކީމުގެ ދަށުން ލޯނު ދޫކުރަނީ ކޮން ބެންކު ތަކަކުންތޯ؟

  • ބެންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)،
  •   މޯލްޑިވްސް އިސްލާމިކް ބެންކު (އެމް. އައި.ބީ)،
  •  ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން (އެޗް.ޑި.އެފް.ސީ)،
  •  ކޮމާޝާލް ބޭންކް އޮފް މޯލްޑިވްސް (ސީ.ބީ.އެމް)،
  •  އަދި މޮރިޝަސް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (އެމް.ސީ.ބީ)

މަތީގައިވާ  މާލީ 5 މުއައްސަސާއިން ކުރެ މުއައްސަސާއަކުން ގެދޮރުގަތުމަށް ލޯނު ހަމަޖެއްސުމަށް ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވިދާނެއެވެ. 

6. ގެދޮރު ގަތުމަށް ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރުމަށް ހުށަހަޅާނީ ކިހިނެއް؟

ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭނީ މިކަމަށްޓަކައި ޕެންޝަން އޮފީހާއިއެކު އެމްއޯޔޫ އެއްގައި ސޮއިކޮށް އެކަމުގެ ހުއްދަ ލިބިފައިވާ ލޯނުދޭ މާލީ މުއައްސަސާއަކުން ލޯނު ނެގުމަށެވެ. ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރުމަށް ހުށަހަޅާނީ ލޯނު ހަމަޖެއްސުމަށް ބޭންކަށް ހުށަހަޅާ ފޯމު މެދުވެރިކޮށެވެ. 

7. ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކޮށްގެން ނަގާ ލޯނެއް ނުދެއްކޭ ހާލަތުގައި އަމަލުކުރާނީ ކިހިނެތް؟

ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކޮށްގެން ނަގާ ލޯނަކަށް ފައިސާ ދައްކަމުންނުދާނަމަ, ލޯނު ބޭނުންކޮށްގެން ގަނެފައިވާ އިމާރާތެއް ވިއްކާލެވޭނެއެވެ. ކޮލެޓަރަލައިޒް ކުރެވިފައިވާ ފައިސާ ލޯނުދޭ މުއައްސަސާއަކަށް ނެގޭނީ މިދެންނެވި އުސޫލުން އިމާރާތް ވިއްކާލައިގެން ލޯނުގެ އަދަދު ހަމަނުކުރެވޭ ނަމަ، ލޯނުގެ އަދަދު ހަމަކުރުމަށް ބޭނުންވާ މިންވަރަށެވެ.

8. ލޯނެއް ނެގުމަށް އެކަކަށްވުރެ ގިނަ މެންބަރުންގެ ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެތޯ؟

ލޯނުދޫކުރާ ފަރާތުން ލޯނުގެ ކޯ އެޕްލިކެންޓުންގެ ގޮތުގައި ލޯނުގައި ބައިވެރިވެވޭނޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ޕެންޝަންފައިސާ ކޮލެޓަރަލައިޒް ކުރެވޭނެއެވެ. 

9. ލޯނު އަނބުރާ ދައްކާ ނިމުމުން ކޮލަޓަރަލައިޒް ކުރެވޭ ފައިސާއަށް ވާނީ ކިހިނެއް؟

ލޯނު އަނބުރާ ދައްކާ ނިމުމުން ކޮލަޓަރަލައިޒް ކުރެވޭ ފައިސާ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގް އެކައުންޓަށް އަނބުރާ ޖަމާކުރެވޭނެއެވެ.

10.ހައުސިން ލޯނު ނަގާއިރު ކޮލެޓެރަލްގެ ގޮތުގައި ބެހެއްޓޭނީ ޕެންޝަން ފައިސާގެ ކިހާ މިންވަރެއް؟

ހައުސިން ލޯނު ނަގާއިރު ކޮލެޓެރަލްގެ ގޮތުގައި ބެހެއްޓޭނެ ޕެންޝަން ފައިސާގެ މިންވަރު ބިނާވަނީ އެ މެންބަރެއްގެ އުމުރު ފުރާއަށެވެ. 60 އަހަރު ފުރިފައިވާ މެންބަރުންނަށް  ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައުސިން ލޯނު ނެގުމުގެ ފުރުސަތު ނޯވެއެވެ. 

11. ޕެންޝަން ފައިސާ ކޮލެޓެރަލްގެ ގޮތުގައި ބަހައްޓައިގެން ހައުސިން ލޯނު ނެގުމަށްފަހު, އެލޯނު ދައްކާ ނިމުމުން އެހެން ހައުސިންގ ލޯނެއް ނެގުމަށް ދެވަނަ ފަހަރަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭނެތޯ؟

"ގެދޮރު ގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމާ ބެހޭ ގަވާއިދު"ގެ ދަށުން ގެދޮރު ގަތުމަށްޓަކައި އެ މެންބަރެއްގެ އާރުއެސްއޭގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރެވޭނީ އެންމެ ފަހަރަކުއެވެ. 

1. ހައްޖު ސްކީމަކީ ކޮބާ؟

މިއީ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ، ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދޫކުރުމާއި ބެހޭ ސްކީމެކެވެ.

2. ހައްޖަށް ދިއުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ހާލަތަކީ ކޮބާ؟

ޕެންޝަން ލިބޭ އުމުރު ހަމަވާއިރު މަހަކު -/2000( ދެހާސް) ރުފިޔާ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރު ކަމުގައިވާ -/336,000( ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ، ޙައްޖުވުމަށް ފައިސާ ދޫކުރުމަށް އެދި ހުށަހަޅާއިރު، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާވެފައި ހުންނަންޖެހޭނެއެވެ. 

3. ފަރުޟު ޙައްޖުވެފައިވާ މީހަކަށް ޕެންޝަން ފައިސާ ބޭނުންކޮށްގެން އިތުރު ހައްޖެއް ކުރުމަށް އެދެވިދާނެތަ؟

ޕެންޝަން ފައިސާ ބޭނުންކޮށްގެން ދެވޭނީ ފަރުޟު ހައްޖުވުމަށެވެ. ފަރުޟު ހައްޖުކޮށްފައިވާ މީހަކަށް ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމުގެ ފުރުސަތެއް ނޯވެއެވެ. 

4. ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖުވުމަށް ދޫކުރަނީ ކިހާ މިންވަރެއްތޯ؟

ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދޫކުރެވޭނީ، ޙައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅައިފައިވާ ޢަދަދުގެ %80 (އަށްޑިހަ އިންސައްތަ)އަށްވުރެ އިތުރުނުވާ މިންވަރެކެވެ. 

5. ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖުވުމަށް ދެވޭނީ ކޮން ތަންތަނެއް މެދުވެރިކޮށްތޯ؟

ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖުވުމަށް މިވަގުތު ދެވޭނީ ހަމައެކަނި ހައްޖު ކޯޕަރޭޝަން މެދުވެރިކޮށެވެ. 

6. ފަރުޟު ޙައްޖުވުމަށް ދިއުމަށް އެހެން މެންބަރެއްގެ ޕެންޝަން ފައިސާ ބޭނުންކުރެވިދާނެތޯ؟

ފަރުޟު ޙައްޖުވުމަށް ދޫކުރެވޭނީ ހަމައެކަނި އެ ބައިވެރިއެއްގެ ނަމުގައި ހުޅުވާފައިވާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާއެވެ. އެހެންކަމުން އެހެން މީހެއްގެ ޕެންޝަން ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖުކުރުމަށް ދިއުމުގެ ފުރުސަތެއް ނޯވެއެވެ. 

7. ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖުވުމަށް ދިއުމަށް ޖާގަ ހަމަޖައްސަން އެދެންޖެހޭނީ ކޮން ފަރާތެއްގައި؟

ޕެންޝަން ސްކީމުގެ ބައިވެރިން ފަރުޟު ޙައްޖަށް ދިއުމުގެ ޖާގަ ހަމަޖައްސައިދިނުމަށް އެދި ހުށަހަޅަންވާނީ ޕެންޝަން އޮފީހާއެކު އެއްބަސްވުން ޤާއިމުކޮށްފައިވާ ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަކަށެވެ. މިގޮތުން މިވަގުތު ހުށަހަޅަންޖެހޭނީ ހައްޖު ކޯޕަރޭޝަނަށެވެ. 

8. ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް ބޭނުންވާ ފައިސާ ޕެންޝަން ފަންޑުން ދޫކުރާނީ ކޮން ފަރާތަކަށް؟

ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް ބޭނުންވާ ފައިސާ ޕެންޝަން ފަންޑުން ދޫކުރާނީ ޕެންޝަން އޮފީހާއެކު އެއްބަސްވުން ޤާއިމުކޮށްފައިވާ ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަކަށެވެ. މިގޮތުން މިވަގުތު ޕެންޝަން އޮފީހުން ފައިސާ ހަވާލުކުރާނީ ހައްޖު ކޯޕަރޭޝަނަށެވެ. މެންބަރުންގެ އަތަށް ފައިސާ ދޫނުކުރާނެއެވެ.

9. ފަރުޟު ޙައްޖުވުމަށް ފައިސާ ދޫކުރެވުނު ބައިވެރިއަކު އެއްވެސް ސަބަބަކާހުރެ އެ އަހަރަކު ޙައްޖަށް ނުދެވިއްޖެނަމަ، އެފައިސާއަށްވާނީ ކިހިނެތް؟

ފަރުޟު ޙައްޖުވުމަށް ފައިސާ ދޫކުރެވުނު ބައިވެރިއަކު އެއްވެސް ސަބަބަކާހުރެ އެ އަހަރަކު ޙައްޖަށް ނުދެވިއްޖެނަމަ، އެ އަހަރެއްގެ ޙައްޖު ދުވަހުގެ ފަހުން އެ ބައިވެރިއަކު ޙައްޖަށް ގެންދިއުމަށް ދޫކުރެވުނު އެންމެހައި ފައިސާ، ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން ޕެންޝަން އޮފީހަށް އަނބުރާ ރައްދު ކުރާނެއެވެ. އަދި  އެފައިސާ ނިސްބަތްވާ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރާނެއެވެ.

10. މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފަރުޟު ޙައްޖުވުމަށް ފައިސާ ދޫކުރުމާ ބެހޭގޮތުން ޕެންޝަން އޮފީހާއެކު އެއްބަސްވުން ޤާއިމުކޮށްފައިވަނީ ކޮންކޮން ފަރާތްތަކެއް؟

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފަރުޟު ޙައްޖުވުމަށް ފައިސާ ދޫކުރުމާ ބެހޭގޮތުން ޕެންޝަން އޮފީހާއެކު އެއްބަސްވުން މިވަގުތު ޤާއިމުކޮށްފައިވަނީ:

  • މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
  • އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮންޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް