ޕެންޝަން އޮފީހުގެ ހުރިހާ ޚިދުމަތެއް އެއް ތަނަކުން ލިބޭގޮތަށް ކޮށާރު ޕޯޓަލް ތަޢާރަފްކޮށްފި

1 ޑިސެމްބަރު 2021

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ)ގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް، އޮންލައިންކޮށް އެއްތަނަކުން ލިބޭގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެއް ތަޢާރަފްކޮށްފިއެވެ.

ކޮށާރުގެ ނަމުގައި ތަޢާރަފްކުރި މި ޕޯޓަލް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޟް ވަނީ މިފަދަ ޕޯޓަލެއް ތަޢާރަފްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ.

މި ޕޯޓަލްގެ އެހީގައި ޕެންޝަން އޮފީހުގެ ހުރިހާ ޚިދުމަތްތައް އޮންލައިން ކުރެވި، ދުނިޔޭގެ ކޮންމެ ތަނަކުން، 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ހޯދޭނެ މަގު ފަހިވެގެން ދާނެއެވެ. 

އެގޮތުން ވަޒީފާއަދާކުރާ ފަރާތެއްނަމަ އެފަރާތްތަކުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓްރީ ވުމާ ހަމައިން، އެމީހަކަށް ބޭނުންވާ ޚިދުމަތްތައް ކަމަށްވާ ޕެންޝަން އެކައުންޓުގެ ތަފްސީލު ބެލުމާއި، ޕޯރޓްފޯލިއޯ ބަދަލު ކުރުމާއި، އެމީހަކަށް ސްކީމުން ލިބޭ ބެނެފިޓްސްތަކުގެ ތަފްސީލު ބެލުމާއި، ޕެންޝަން ޕްލޭން ކުރުމަށް ބޭނުން ކުރާނެ ކަލްކިއުލޭޓަރ ފަަދަ ޓޫލްސްތައް މި ޕޯޓަލްގައި ހިމެނޭނެއެވެ. މިކަމުގެ ސަބަބުން ޒުވާން އުމުރުގައި ޕެންޝަން ޕްލޭން ކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ. 

އަދި ޕެންޝަނަރެއްނަމަ ކިއުގައިޖެހި ކަރުދާސް ފޯމު ޕްރިންޓްކޮށް ފިންގަރ ޕްރިންޓް ޖަހައި، ސްކޭން ކޮށް ފޯމު ހުށަހެޅުމުގެ ބަދަލުގައި ފަސޭހައިން އޮންލައިންކޮށް ޕެންޝަނަށް އެދި ހުށަހެޅުމުގެ އިތުރުން އެމީހެއްގެ ޕެންޝަން ޖަމާވާ ބޭންކު އެކައުންޓާއި އެނޫންވެސް މަޢުލޫމާތު ވަގުތުންވަގުތަށް ބަދަލު ކުރެވޭނެއެވެ. މީގެ އިތުރުންވެސް ވަޒީފާދޭ ފަރާތްތަކަށްވެސް ބޭނުންވާނެފަދަ މުހިންމު ފީޗަރތަކެއް މި ޕޯޓަލްގައި ހިމެނެއެވެ.

ޕެންޝަން އޮފީހުގެ ފަރާތުން މި ސިސްޓަމް ފަރުމާކުރުމުގައި، ބޭނުން ކުރަން ފަސޭހަ، އެއަށް ބަރޯސާވެ ކޮންމެ ވަގުތަކުވެސް ޚިދުމަތް ހޯދޭނެ ފަދަ ސިސްޓަމަކަށް މިސިސްޓަމް ހަދަން މަސައްކަތް ކޮށްފައިވާއިރު ޑޭޓާގެ ރައްކާތެރިކަމަށް ވިސްނާފައިވާނެއެވެ. 

މި އޮފީހުން އުއްމީދުކުރަނީ ޚިދުމަތްތައް އޮންލައިން ވުމާ އެކުއެކީ، މޯބައިލް ޑިވައިސްތައް ބޭނުންކޮށްގެން ޚިދުމަތް ހޯދޭނެ މަގު ތަނަވަސްވެގެން ދިއުމީ މޯބައިލް ޑިވައިސްތައް ބޭނުންކުރުން އިންތިހާއަށް މަތިވަމުން ދާ މިޒަމާނުގައި، ޚިދުމަތް ހޯދާފަރާތްތަކުން ވަކިން ހާއްސަކޮށް ޒުވާނުން މިސިސްޓަމް ބަލައިގަތުމަށް ލިބޭނެ ހިތްވަރަކަށް ވާނޭކަމަށެވެ. އަދި ގިނަބަޔަކު އަބަދުމެ އަަވަދިނެތި އުޅެންޖެހިފައިވާ މިޒަމާނުގައި ޕެންޝަން އޮފީހުގެ ކްލަޔަންޓުންނަށް ހޯދައި ދެވުނު މިފަސޭހައިގެ ސަބަބުން އެތައް ބައެއްގެ ފައިސާއާއި ވަގުތު ސަލާމަތްވެ، އަގުނުކުރެވޭހާ ފައިދާ މުޅި މުޖުތަމައަށްވެސް ލިބިގެންދާނެކަމަށެވެ. 

މިސިސްޓަމް ވެގެން ދާނީ ރާއްޖޭގައި ޖިޑިޓަލްކޮށް އޮފީހެއްގެ ހުރިހާ ޚިދުމަތްތަކެއް، ޚިދުމަތް ހޯދާ ފަރާތާ ހަމަޔަށް ގެނެސްދޭ ފުރަތަމަ ޕޯރޓަލްއަށެވެ.