ޕެންޝަން އޮފީހާއި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާއާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

28 މާރިޗު 2022

އިސްރަށްވެހިންގެ ހައްގުތަށް ރައްކާތެރިކޮށް، އިސްރަށްވެހިންނަށް ގަދަރުވެރިކަމާއެކު، ދުޅަހެޔޮ ސިއްހަތެެއްގައި ހަރަކާތްތެރިވެއުޅުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާ އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމުގެ ގޮތުން ޕެންޝަން އޮފީހުން އެޖަމުއިއްޔާއާއެކު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގް އެއްގައި ސޮއިކޮށްފިއެވެ. 

މި އެމް.އޯ.ޔޫގެ ދަށުން ޕެންޝަން އޮފީހުން އިސްރަށްވެހިންގެ ޖަމުއިއްޔާގެ އިދާރީ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް މަގު ފަހިވެގެންދާނެއެވެ.

ޕެންޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކްޓިވް އޮފިސަރ ސުޖާތާ ޙަލީމް އެވެ. އަދި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުއިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމުއިއްޔާގެ ރައީސް ޢަބްދުލްޢަޒީޒް ޔޫސުފް އެވެ.