'ސަސްޓެއިނަބަލް އެންޑް އިންޓަރގްރޭޓެޑް ލޭބަރ ސަރވިސަސް ޕްރޮޖެކްޓް' (ސެއިލްސް) ގެ ޕްރޮޖެކްޓް އެގްރީމެންޓްގައި ސޮއިކޮށްފި

4 ޖުލައި 2022

ދިވެހިސަރުކާރުން ވޯލްޑް ބޭންކުގެ އެހީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ 'ސަސްޓެއިނަބަލް އެންޑް އިންޓަރގްރޭޓެޑް ލޭބަރ ސަރވިސަސް ޕްރޮޖެކްޓް' (ސެއިލްސް) ގެ ޕްރޮޖެކްޓް އެގްރީމެންޓް އަދި ފައިނޭންސިންގ އެގްރީމެންޓްގައި ވޯލްޑް ބޭންކާއިއެކު، މިނިސްޓްރީ އޮފް ފިނޭންސް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު (4 ޖުލައި 2022) ސޮއިކޮށްފިއެވެ. 

މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންނެވެ. 

މިއެއްބަސްވުމުގެ ދަށުން، ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެތެރެއިން މަސައްކަތްތެރިންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ފުޅާކުރުމަށް އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ސްކީމެއް ތައާރަފު ކުރުމާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ވަޒީފާގެ ބާޒާރުގެ ފުރުސަތުތައް ފަހިކޮށް، މަސައްކަތްތެރިންގެ ވިލުންތެރިކަން އިތުރުކުރުމަށް ސެއިލްސް ޕްރޮޖެކްޓްގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމުގެ އިތުރުން ރިޓަޔަރމަންޓް ޕެންޝަން ސްކީމު އިތުރަށް ހަރުދަނާ ކުރުމުގެ ފުރުސަތު ޕެންޝަން އޮފީހަށް ފަހިވެގެންދާނެއެވެ. 

މިނިސްޓްރީ އޮފް ފިނޭންސްގައި ބޭއްވި ރަސްމިއްޔާތެއްގައި ޕެންޝަން އޮފީހުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ ސުޖާތާ ޙަލީމް އެވެ. ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ  ކަންޓްރީ ޑިރެކްޓަރ، ފާރިސް ހަދާދް ޒަރވޯސް އެވެ.