ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް އަލްފާޟިލާ ސުޖާތާ ޙަލީމް ޢައްޔަން ކޮށްފި

31 އޮކްޓޯބަރު 2022

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ޕެންޝަން އޮފީހުގެ ބޯޑުން، މި އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް، އަލްފާޟިލާ ސުޖާތާ ޙަލީމް މިއަދުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޢައްޔަން ކުރައްވައިފިއެވެ.  

ސުޖާތާ ޙަލީމްވަނީ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރގެ ހައިސިއްޔަތުން ޕެންޝަން އޮފީސް ހިންގެވުމުގެ ޒިންމާ 2 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އަދާކުރައްވާފައެވެ. މީގެ އިތުރުން، 2015 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރގެ މަގާމުވެސް މިއަދާ ހަމައަށް ފުރުއްވާފައިވެއެވެ.  

ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އަދި ޒަމާނީ ޕެންޝަން ނިޒާމެއް ތަޢާރަފު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި މެދުނުކެނޑި 16 އަހަރު ސުޖާތާ ޙަލީމް ޚިދުމަތް ކުރައްވާފައިވެއެވެ. މިގޮތުން، ވޯލްޑް ބޭންކުން ދިވެހިރާއްޖޭގައި ކުރިއަށް ގެންދެވި ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގެވުމާއި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު އެކުލަވާލުމަށް ކުރެވުނު މަސައްކަތުގައި އަދި އެ ޤާނޫނު ތަންފީޛު ކުރުމުގައި އިސް ދައުރެއްވަނީ އަދާކުރައްވާފައެވެ. 

ޕެންޝަން އޮފީހުގެ ބޯޑުގެ އަމާޒަކީ، ސުޖާތާ ޙަލީމްގެ އިސްނެންގެވުމުގެ ދަށުން ޕެންޝަން އޮފީސް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެން ދިއުމެވެ.