މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރ މެމްބަރަކު ޢައްޔަންކުރުމާބެހޭ

3 ފެބްރުއަރީ 2023

ޓަރމްސް އޮފް ރިފަރެންސް

ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ގައިވާ ގޮތުގެމަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ 8 މެންބަރުން ހިމެނޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއަރޕަރސަންއާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރައްވާ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންނެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންގެ ތެރެއިން 1 މެންބަރުގެ ޖާގަ ހުސްވެފައިވާތީ، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ޕެންޝަން އޮފީހުގެ ބޯޑަށް ޢައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއިން މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީން ކުރެވޭނެއެވެ.

 ފެންވަރު ނުވަތަ ޝަރުޠުތައް

  1. ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރައްވާފައިވުން.
  2.  ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވުން. 
  3. ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވުން.
  4. ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ޙިއްޞާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން.

އިސްވެ ބަޔާންކުރެވުނު ޝަރުޠުތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ކަނޑައަޅާފައިވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރެވޭނެއެވެ.

ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލައްވާއިރު ތިރީގައިވާ މަޢުލޫމާތުތައް ހުށަހަޅުއްވަން ވާނެއެވެ.

  • ބޯޑު މެމްބަރުގެ މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ).
  • ފުރިހަމަ ކޮށްފައިވާ "ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓްގައި އިޢުލާނާއިއެކު ހިމަނާފައި).
  • ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓްގެ ކޮޕީ.
  • މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އަދި ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ނުވަތަ ފައިޑިއުޝަރީއެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާނަމަ، ލިބިފައިވާ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ވަނަވަރު.
  • ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް، މިހާރުގެ އެޑްރެސް.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުމާއި އިތުރު ސަޕޯޓިންގ ޑޮކިއުމަންޓްސް.

ވީމާ، އިސްވެ ދަންނަވާފައިވާ މަޤާމަށް ކުރިމަތިލުމަށް ޝަޢުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޕެންޝަން އޮފީހުގެ ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް،

އެލައިޑް ބިލްޑިންގ (8 ވަނަ ފަންގިފިލާ)، 

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 1441

އީމެއިލް: [email protected]

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ މަސްޢޫލިއްޔަތުތަކާއި، ޒިންމާ ހިމެނޭ ޓާރމްސް އޮފް ރެފަރަންސް މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.