މައިގަނޑު މަޢުލޫމާތަށް ސީދާ ދިޔުމަށް
Media cover image

13-11-2026

ގްރީން ފައިނޭންސާއި މާލީ ރައްކާތެރިކަމަށް ޚާއްޞަކޮށްގެން ފައިނޭންސް ފޯރަމް 2026 މާދަމާ ބާއްވަނީ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2026, މާދަމާ, ހޮނިހިރު ދުވަހު،(14 ނޮވެމްބަރު 2026) ޑުސިޓް ޑީ2 ފޭދޫގައި ބާއްވާނެއެވެ. 2012 ވަނަ އަހަރު ފެށި މި ފޯރަމް މިއަހަރު ބާއްވަނީ 13 ވަނަ ފަހަރަށެވެ. މިއަހަރުގެ ފޯރަމްގެ މައުޟޫއަކީ "ގްރީން ފައިނޭންސް: ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ކަށަވަރުކުރުން" މިއެވެ.

މި ފޯރަމްގައި މާލީ ދާއިރާގެ މާހިރުންނާއި، ރެގިއުލޭޓަރީ އިދާރާތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، ތަރައްޤީގެ ބައިވެރިންނާއި، ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެ، ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށާއި ދިގުމުއްދަތުގެ މާލީ ރައްކާތެރިކަން ދެމެހެއްޓުމުގައި ގްރީން ފައިނޭންސްގެ މުހިންމުކަމާ މެދު މަޝްވަރާ ކުރާނެއެވެ. މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމާއި، އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދީ، މާލީ ހަމަޖެހުން ގާއިމުކުރުމުގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް އަދާކުރެވޭ ދައުރާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރެވޭނެއެވެ.

ދިވެހިރާއްޖެއަކީ ތިމާވެއްޓަށް ބަރޯސާވާ ކުޑަ ޖަޒީރާ ގައުމަކެވެ. މޫސުމީ ބަދަލުތަކާއިއެކު ފަތުރުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ޢުމްރާނީ ތަރައްޤީއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން އިގްތިސާދަށް ނުރަނގަޅު އަސަރުތަކެއް ދަނީ ކުރަމުންނެވެ. އެހެންކަމުން، ވިލުންވެރި އަދި ދެމެހެއްޓެނިވި ތަރައްގީއަށް އިންވެސްޓްމަންޓްތައް ހޯދުމަކީ މިއަދު ކޮންމެހެން ބޭނުންތެރިކަމެކެވެ. މިކަމުގައި ގްރީން ފައިނޭންސަކީ ދައުލަތުގެ ވަސީލަތްތަކާއި، އަމިއްލަ ފަރާތްތަކުގެ ރައުސްމާލާއި، އިންސްޓިޓިއުޝަނަލް އިންވެސްޓަރުން ގުޅުވައިދޭނެ މުހިންމު ވަސީލަތެކެވެ.

ޕެންޝަން އޮފީހަކީ ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރެވެ. ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ސެޕްޓެމްބަރު މަހުގެ ނިޔަލަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ފަންޑު 30.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސްކީމުގައި 204,549 މީހުން ބައިވެރިވެފައިވެއެވެ. ދިގު މުއްދަތަށް އިންވެސްޓްކުރާ މުއައްސަސާއެއްގެ ގޮތުން، މެންބަރުންގެ ރިޓަޔަރމަންޓް ފައިސާގެ އަގު ރައްކާތެރިކުރުމަށް ވަރުގަދަ އަދި ދެމެހެއްޓެނިވި އިގްތިސާދަކީ ކޮންމެހެން ބޭނުންވާ ކަމެއް ކަމުގައި ޕެންޝަން އޮފީހުން ދެކެއެވެ. މި ފޯރަމްގައި، މެންބަރުންގެ ރިޓަޔަރމަންޓް ފައިސާ ރައްކާތެރިކުރުމާއިއެކު، ޤައުމުގެ ދެމެހެއްޓެނިވި ތަރައްގީއަށް އިންވެސްޓަރުންނަށް ޙިއްޞާވެވޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.

މި މަޝްވަރާތަކަކީ ރާއްޖޭގެ މުހިންމު އިގްތިސާދީ ދާއިރާތަކަށް މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ނުހަނު ބޭނުންތެރި މަޝްވަރާތަކެކެވެ. މިފަދަ ގޮންޖެހުންތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އިގްތިސާދެއް ބިނާކުރުމަށާއި، ދިގުމުއްދަތުގެ މާލީ ތަނަވަސްކަން ކަށަވަރުކުރުމަށްޓަކައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ މުސްތަގުބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ފޯރަމްގެ ސެޝަންތަކުގެ ތެރޭގައި، ރާއްޖެއަށް ގްރީން ފައިނޭންސްގެ މުހިންމުކަމާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ގޭބިސީތަކަށާއި، ކުދި ވިޔަފާރިތަކަށް އަދި ރަށްރަށަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދާނެއެވެ. އަދި ރެގިއުލޭޓަރީ އިދާރާތައް ބައިވެރިވާ ރައުންޑް ޑޭބަލް މަޝްވަރާގައި، މިހާރު ތައްޔާރުކުރަމުންދާ ޤަނޫނީ އަދި އިދާރީ އޮނިގަނޑުތަކުގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރިޕޯޓްކުރުމާއި، ބެލެހެއްޓުމާއި، އޮޑިޓްކުރުން އަދި މާކެޓުގެ އިތުބާރު ކަށަވަރުކުރުމަށް ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވޭނެއެވެ.

މީގެއިތުރުން، ކުދި ޖަޒީރާ ޤައުމުތަކާއި ކުރިއަރަމުން އަންނަ މާކެޓުތަކުގެ ތަޖުރިބާތަކުގެ އަލީގައި މަޢުލޫމާތު ހިއްސާކުރައްވާނެއެވެ. އަދި ފޯރަމް ނިންމާލުމަށް ހަމަޖެހިފައިވަނީ، މޫސުމީ ނުރައްކާތައް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އައު ފުރުޞަތުތަކަކަށް ބަދަލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ބާއްވާ ޚާއްޞަ ޕެނަލް މ ޑިސްކަޝަންއަކުންނެވެ.

މި ފޯރަމްގެ ހުރިހާ ސެޝަނެއްވެސް ޕެންޝަން އޮފީހުގެ މީސް މީޑިއާ މަންސަތައް މެދުވެރިކޮށް ވަގުތުން ބައްލަވައިލެއްވޭނެއެވެ.